ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ، އެ ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ މެޝިނަރީ އާއި ސާމާނު އެ ސިޓީއަށް ގެންގޮސް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާއިރު 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުން އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތް ހިމެނެއެވެ.

ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަސައްކަތް 279.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 4 ގައެވެ.

އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ޖެހެނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ތެރޭގައެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާއެވެ. ނަމަވެސް އެ މަސައްކަތް އެކުންފުނިން ނުކޮށް ގިނަ ދުވަސްތަކެއްވުމުން މި ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީއެވެ.