ރާއްޖޭގައި 250،000 ބިދޭސީން އެބައުޅޭ ކަމަށާއި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ މިއަދު ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޒުވާން އާބާދީއަށްވުރެ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާލް އިތުރަށް ވިދާޅުވީ، ރާއްޖެއިން މިހާރު ފެންނަމުން މިދަނީ އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް، ފެންނަ މަންޒަރުތަކެއް ކަމަށެވެ. އަދި މި ޒަމާނަކީ ކަނޑިޔާއި ބަޑި ހިފައިގެން ގައުމުތަކަށް އަރައި އިސްތިއުމާރުކުރުމުގެ ޒާމާނެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ވަރަށް ރޭވިގެން ގައުމުތަކުގެ މިނިވަންކަން ނަގައިލަން މަސައްކަތް ކުރާ ޒަމާނެއްކަންކަން ފާހަގަކުރެއްވި އެވެ.

ޝަމާލް ވިދާޅުވީ، 250،000 ބިދޭސީން މިހާރު ވެސް ރާއްޖޭގައި އުޅޭއިރު އޭގެ ތެރެއިން 66،000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭ މީހުން ކަމަށެވެ. އެ މީހުން ރާއްޖޭގެ މީހުންނާއި ކައިވެނިކޮށް، ކުށްތަކުގައި ވެސް ޝާމިލްވެ މުޒާހަރާކޮށް، ފުލުހުންނާއި ކުރިމަތިލާތަން ފެންނަމުން ދިއުމީ ގައުމީ ސަލާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގައި ވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދެކެވި އެކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.