ކުޅިވަރު

އަންނަ ސީޒަނުގައި ވެސް ބޭލް ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށް އޭނާގެ އެޖެންޓް ބުނެފި

އައިދާ އަބްދުލް ހަކީމް

ކުޅެން ފުރުސަތު ނުލިބުނަސް ގެރެތު ބޭލް އަންނަ ސީޒަނުގައި ވެސް ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

މި ސީޒަނުގައި ބޭލް ފެނިގެން ގޮސްފައިވަނީ މުޅިހެން ވެސް ބެންޗުންނެވެ. ބޭލް އަށް ފުރުސަތު ނުލިބޭ މައްސަލައިގައި ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ދާދި ފަހުން ބުނީ ބޭލްއަށް ކުޅުމުގެ ފުރުސަތު ނުލިބެނީ ޒާތީ މައްސަލައެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ޓެކްނިކަލީ ނިންމަން ޖެހޭ ނިންމުންތަކެއްގެ ސަބަބުން ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ބޭލްގެ އެޖެންޓް ގޮނަތަން ބާނަޓް ބުނީ ބޭލްއަށް ކުޅުމުގެ ފުރުސަތު ނުލިބެނީ ޓިމުގައި ތިބި އެހެން ކުޅުންތެރިންނަށް ވުރެ އޭނާގެ ފެންވަރު ދެރަވެގެން ނޫން ކަމަށެވެ. އެހެންކަމުން އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުލިބުނަސް ބޭލް ވެސް ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށެވެ.

ގޮނަތަން ބާނަޓް ބުނީ ބޭލް ހުރީ ކުލަބުގައި ހިތްހަމަޖެހިގެން ކަމަށާއި ލޯނެއްގެ ގޮތުގައި ވެސް ނުވަތަ އެނޫން ގޮތަކަށް ވެސް އޭނާ ކުލަބު ބަދަލު ނުކުރާނެ ކަމަށެވެ. އަދި މެޑްރިޑުގައި ދިރިއުޅެން ބޭލް ލޯބިކުރާކަމަށާއި އޭނާހުރީ ޓީމަށް އަރަން ވާދަކުރަން ވެސް ތައްޔާރަށް ކަމަށެވެ.

މީގެ ކުރިން ރެއާލުން ވަނީ ބޭލް ވިއްކާލަން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހުން އެނިންމުން ބަދަލުކޮށްފައިވަނީ ބޭލްގެ މުސާރައަކީ ގިނަ ކުލަބުތަކަށް ދެވޭވަރަށްވުރެ ބޮޑު މުސާރައެއް ކަމުންނާއި ބޭލްވެސް ޓީމް ދޫކޮށްލަން ބޭނުން ނުވުމާއި ގުޅިގެންނެވެ.