ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް، ގާނޫނު އަސާސީ އިސްލާހުކުރަން ބޭއްވި މަޖިލިސް ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާކުރި ކަމަށްބުނާ މައްސަލަ ބަލަން އެކުލަވައިލި އިމްތިޔާޒް ކޮމެޓީގެ ސަބް ކޮމެޓީގެ މެންބަރުންގެ އަދަދު ފަހަކަށް އިތުރު ކުރަން މިއަދު ނިންމައިފިއެވެ.

ޝިޔާމަށް އަނިޔާކުރިކަމުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީން ބަލައިދިނުމަށް އެދި ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެ ހުށަހެޅުއްވުމާ ގުޅިގެން އެ ކޮމިޓީން ވަނީ އެމައްސަލަ ބެލުމަށް ތިން މެމްބަރުންގެ ސަބް ކޮމެޓީއެއް އެކުލަވާލައިފައެވެ.

ނަމަވެސް އެ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް އިތުރު ކުރުމަށް އިމްތިޔާޒާއި ސުލޫކު ކޮމެޓީން މިއަދު ނިންމީ، ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ، އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮމެޓީ ބައްދަލުވުމަށް ވަޑައިނުގެންނެވުމުގެ ސަބަބުން ކޮމެޓީ ބައްދަލުވުން ބޭއްވޭ ގޮތް ނުވުމުންނެވެ.

އިމްތިޔާޒް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގަައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކޮމެޓީއަށް ވަޑައިނުގަންނަވާތީ އެ ކޮމެޓީގެ ބައްދަލުވުންތައް ނުބޭއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ ސަބް ކޮމެޓީން ބާއްވަން ނިންމި ތިން ބައްދަލުވުމަށް ވެސް ޝަރީފް ވަޑައިނުގަންނަވާތީ އެ މައްސަލަ ކުރިޔަށް ގެންދެވިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ، ޝަރީފް ސަބް ކޮމެޓީއަށް ހާޒިރު ނުވުމުން، އެ މައްސަލަ ބެލުމަށް އިދިކޮޅު މެންބަރުންގެ ޝައުގުވެރިކަން ނެތްކަން ހާމަވާ ކަމަށެވެ.

ޝިޔާމުގެ މައްސަލަ ބަލަން އުޅެނީ އެމްޑީޕީގެ މެންބަރުން ކަމަށާއި، އެކަމަށް އިދިކޮޅުން ހުރަސް އަޅާ ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، މެންބަރަކު ހާޒިރުނުވާތީ ކޮމެޓީ ނުބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ހާޒިރު ނުވާ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ ގޮތްތައް ގަވާއިދުގައި އެބަހުރި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.