2023 އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް، އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކައުންސިލްތައް އުވާލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރު ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ޑީއާރުޕީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށެވެ.
އެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑީ ކާމިޔާބު ކުރެއްވި ގޮތަށް ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރާނީ، އެމްޑީޕީ ތައްޓުމަތިން ދުއްވާލައިގެން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ޑީއާރުޕީގެ ވެރިކަމެއްގައި ރާއްޖޭގައި ކައުންސިލްތަކެއް ނޯންނާނެ ކަމަށެވެ.
ޑީއާރުޕީގެ ވެރިކަމުގައި ރައްޔިތުންނަށް ފާގަތި ކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް އެމްޑީޕީއަށް ފައިނޭންސް ކޮށްފައިވާނެ ކަމަށެވެ. އަދި އަގަލު ކުޑަ އެފަދަ ބަޔަކަށް ފައިނޭންސް ކުރެވުމުން މިހާރު ލަދު ގަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު މިއަދު ހުށަހެޅުއްވި ގަރާރު ވަނީ ޖަލްސާގައި ތިއްބެވި 60 މެންބަރުން ވޯޓުލައިގެން ބޭރު ކޮށްލައިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު