ކޮވިޑްގެ ވެކްސިން އަށް ކުރަމުން އަންނަ އިންތިޒާރު އަދިވެސް ދިގުދެމިގެން ދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.

ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ އޮފް އިމަޖެންސީ ޕްރޮގްރާމް ޑރ މައިކް ރީއަން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާކަމަށާއި ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި ވެކްސިނެއް ލިބުމަށް ދިގު އިންތިޒާރެއް ކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މައިކް ވަނީ ދާދި ފަހުން އޮކްސްފޯޑްގެ ސައިންޓިސްޓުން އުފައްދަމުން އަންނަ ކޮވިޑް ވެކްސިންގެ ނަތީޖާ ރަނގަޅުކަން ފާހަގަ ކުރައްވައިފައެވެ. މިހާރުވެސް 23 އަށް ވުރެން ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް އެކި ގައުމުތަކުން ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި، ވެކްސިން ހޯދުމުގެ މަސައްކަތުގައި ހުރިހާ ގައުމުތަކުންވެސް އިންސާނިއްޔަތަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޑރ ޓެޑްރޯސް އަދަނޮމް ވެސް ވަނީ ކޮވިޑަށް ވެކްސިނެއް ހޯދުމަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައިފަ އެވެ. ނަމަވެސް ވެކްސިން އެއް އުފެއްދުމުގައި ނުރަނގަޅު ކަންތައްތަކެއްވެސް ހުރިކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވަނީ ވެކްސިން އާންމުކޮށް ލިބެން ފެށުމާއެކު އަގު ބޮޑުކޮށް ވިއްކުން އެކަށީގެންވާ ކަމަށާއި މިކަމުގެ ސަބަބުން ވަކި ބަޔަކަށް އެކަނި ވެކްސިން ލިބުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.