އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ވަރަށް ހަޑި ކަންތައްތައް ކުރުވަން އުޅުއްވާ ކަމަށާއި، އެކަމާ ވަރަށް ދެރަވާކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ގާނޫނާ ހިލާފަށް އެފްއޭއެމްގެ އިންތިހާބަށް އެމަނިކުފާނު ލައްވައި ނުފޫޒު ފޯރުވުމަށް މެންބަރު އާޒިލް ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވައެެވެ.

މެންބަރު ހުސެއިން ޝަމީމު މިނިސްޓަރާ ސުވާލު ކުރެއްވީ، މިމަހު ދެވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް އަންގަވާފައި ވާނެތޯ އާއި އެކަން އެންގެވިނަމަ އެ އިންތިހާބު ބޭއްވީ ވަޒީރުގެ އެންގެވުމާ ހިލާފަށް ކަމަށް ގަބޫލު ކުރައްވާތޯ އާއި އެގޮތަށް އިންތިހާބު ބޭއްވިނަމަ އެ އިންތިހާބު މިނިސްޓަރު ގަބޫލު ކުރައްވަންތޯ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު މަހްލޫފް ވިދާޅުވީ، އެފްއޭއެމްގެ މައްސަލަައިގައި އެމަނިކުފާނު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް އެތައް ސުވާލުތަކެއްވެސް ކުރި ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިހާބުގެ ކަންތައް ފަސްކޮށްދިނުމަށް ކޮމިޓީން އެދުނު ކަމަށްވެސް ވިދާޅުވިއެވެ. ކޮމިޓީން އެދުނު ގޮތަށް އިންތިހާބު ފަސްކޮށްދިނުމަށް އެފްއޭއެމްގައި އެދިވަޑައިގެންނެވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެ އިންތިހާބު ހުއްޓާލަށް އެމަނިކުފާނު އެންގެވި ނަމަ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމަކަށް ވާނެ ކަމަށެވެ.

މަހްލޫފު ވިދާޅުވީ، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވައި އެއަށް ބާރު ފޯރުވައި ހެދުމުގެ އެއްވެސް ހައިސިއްޔަތެއް މިނިސްޓަރަށް ނޯންނަ ކަމަށެވެ.

"ސަބަބަކީ ވަޒީރަކަށް ހުންނަ މީހަކަށް އެއްވެސް، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވައި އެއަށް ބާރު ފޯރުވައި ހެދުމުގެ އެއްވެސް ހައިސިއްޔަތެއް ނޯވޭ، އެކަމުގެ ބާރު އޮންނަނީ އަޅުގަނޑުމެންގެ ސްޕޯޓްސް ކޮމިޝަނަރުގެ ދަށުގަ، ސްޕޯޓްސް ކޮމިޝަނަރަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، ޕާޓީއެއްގައި ހުރެއްޖެ ކަމަށް ވަނީނަމަ އެ ޕާޓީއަކުން ވެސް ވަކިކޮށްފަ އެމީހަކު އެމަގާމަށް އައްޔަން ކުރަނީ، އެހެންވީމާ އެގޮތަށް ހިނގާކަމެއް އެއީ،" މަހްލޫފު ވިދާޅުވިއެވެ.

ނަމަވެސް އެންމެ ރަނގަޅަށް ކަންކަން ދެނެވަޑައިގެން ހުންނަވައި، މެންބަރު އާޒިމް މަސައްކަތް ކުރައްވަނީ، ވަރަށް ހަޑި ކަންތައްތަކެއް އެމަނިކުފާނު ލައްވައި ކުރައްވަން ކަމަށް މަހްލޫފު ވިދާޅުވިއެވެ.

"އެފްއޭއެމް އިލެކްޝަން ކަންތައް ހަގީގަތުގަައި އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ ޕީޖީ ލީޑަރު އަލީ އާޒިމު މިކަންތައް މިކުރައްވާ ގޮތުން، ހަގީގަތުގަ ވެސް ވަރަށް ދެރަވޭ، ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވައި އަޅުގަނޑު ލައްވައި ވަަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީ، އަޅުގަނޑު ހަނދާން އެބަހުރި،" މަިނިސްޓަރު މަހުލޫފް އެހިސާބަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، މިނިސްޓަރުގެ ވާހަކަ ހުއްޓުވިއެވެ.

ދެން ވިދާޅުވީ، އެކަމަށް ޖަވާބު ދެއްވުމުގެ ފުރުސަތު އެރުވެން ނެތް ކަމަށާއި، ސީދާ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމަށް މެންބަރު އަލީ އާޒިމް ކުރެއްވި ޕްރެޝަރަށް އިޝާރާތް ކުރައްވައި މަހްލޫފު ވިދާޅުވީ، "މިކަން އަޅުގަނޑަށް ސިފަ ކުރެވެނީ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް އަޅުގަނޑުމެން ވޯޓުލާން ނުކުތީމަ ފުލުހުން ނުކުމެ އެ އިންތިހާބު ހުއްޓުވިހެން،" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ވަޒީރަކަށް ހުންނަ މީހަކު ކައިރީގައި ބުނެގެން ފުލުހުން ފޮނުވައިގެން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ހުއްޓުވުމަކީ، ހަޑިކަމެއް ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ މެންބަރުންނަށް އެކަން ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ހަތަރުމަސް ކުރިން އެފްއޭއެމްގެ އިންތިހާބަށް ގޮވީމަ ވާދަކުރާނެ އެއްވެސް މިހަކު ކުރިމަތިނުލައި، އޭގެ ހަތަރުމަސް ފަހުން، ވަޒީރަކަށް ހުންނަ މީހަކު ކައިރީގައި ބުނެގެން ފުލުހުން ފޮނުވައިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވުމަކީ ހަޑިކަމެއް، އެކަން ކުރެވޭނެ އޭގެ މެންބަރުންނަށް، މިއަދު ބޭނުން ވެއްޖެ ކަމަށްވާނަމަވެސް ހުރިހާ ފަސްޓް ޑިވިޒަންގެ ކުލަބްތަކުން ގޮސް އިތުބާރު ނެތްކަށް ވޯޓު ނެގީމަ ނިމުނީ،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.