މަސްވެރިން އަތުން ސަރުކާރުން ގަންނަ މަހަށް ފައިސާ ނުލިބި ލަސްވަމުންދާތީ ޅ. ނައިފަރުގެ މަސްވެރިން އެރަށު ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އިހުތިޖާޖުކޮށްފި އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ވަން" އަށް ވިދާޅުވީ، ނައިފަރުގެ ގާތްގަނޑަކަށް 50 ވަރަކަށް މަސްވެރިން އެމީހުންގެ ކަންބޮޑުވުންތަކާއެކު މިއަދު ހެނދުނު 7:30 އިން ފެށިގެން ކައުންސިލް އިދާރާ ކައިރިއަށް އެއްވެފައިވާ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށާއި ކުންފުނިތަކަށް ހިއްސާ ކޮށްދެއްވުމަށް އެދުމުން އެކަން ކޮށްދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސްވެރިންގެ ކަންބޮޑުވުމަކީ އެމީހުންނަށް ލިބެން ޖެހޭ ފައިސާ ދުވަހުން ދުވަހަށް ނުލިބުން. އަދި ކޮންމެ ސަރުކާރަކުން ވެސް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލަސްވެގެން އަންނާތީ ކަންބޮޑުވުން ފާޅުކުރި. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، މަސް ދުވަސް ނުވަތަ ދޮޅު މަސް ވެއްޖެ ކަމަށް ފައިސާ ނުލިބޭތާ،" ނައިފަރު ކައުންސިލްގެ ރައީސް ކާރިމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ވަން" އަށް ވިދާޅުވީ، މިމަހުގެ އެކަކުން ފެށިގެން މަސްވެރިންނަށް ފައިސާ ނުދެވި އެބަހުރި ކަމަށާއި އެއީ ގާތްގަނޑަކަށް 34 މިލިއަން ރުފިޔާ ކަމަށެވެ.

އެ ފައިސާ ދީ ހަލާސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިމަހުގެ އެކަކުން 12 އަށްވާ ފައިސާ މިއަދުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުން ފެށިގެން ކްލިއާ މި ކުރަނީ 10 ވަރަކަށް ދުވަހުގެ ފައިސާ. އެއީ 19 މިލިއަން ރުފިޔާ. އަދި ބާކީ 14 ވަރަކަށް މިލިއަން ރުފިޔާ ހުންނާނެ. ފައިސާ ލިބޭ ވަރަކުން އެވެސް ކްލިއާ ކުރަމުންދާނެ. ޖުމްލަ ގޮތެއްގައި އޮންލައިންކޮށް މި ޓްރާންސްފާ ކުރަނީ،" އިސްމާއިލް ވިދާޅުވި އެވެ.