ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގައި ބިދޭސީ މަސައްކަތްތެރިން އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގައިފިއެވެ.

ފުލުހުން ބުނީ ވ. އަތޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓެއްގައި މަސައްކަތްކުރާ ބައެއް ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހުރަސްއަޅައި، އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ރަށުގައި ހިންގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް އެ ހަމަނުޖެހުމުގައި އެމީހުންގެ ސުޕަވައިޒަރުގެ ރޫމަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މައްސަލަ ހައްލުކުރުމަށް އެމީހުންގެ ސްޕޮންސަރު އަންނަނީ އެމީހުންނާ ވާހަކަދައްކަމުން ކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ ދެވަނަ ދުވަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ވެސް ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައި ބައެއް ދިވެހިން ރަހީނުކޮށް، މުދަލަށް ގެއްލުންދީފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އެޅުމުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން މިމަހުގެ 13 ވަނަ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އެ މައްސަލައާ ގުޅިގެން 41 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.