މިމަހުގެ ބިލްތައް ބޮޑުވެދާނެ ކަމަށް ބެލެވޭ ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ސްޓެލްކޯ އާއި ފެނަކަގެ އިތުރުން މޯލްޑިވްސް އެނާޖީ އޮތޯރިޓީ އަދި އެންވަޔަރަމަންޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ ޖޫން މަހެކޭ އެއްގޮތަށް މިމަހުގެ ވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށާއި ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން އެ ކުންފުނިން ސާވޭއެއް ކޮށްފައިވާ ކަމަށެވެ. އެ ސާވޭއިން ހާމަވީ ކަރަންޓް ބިލް ބޮޑުވަނީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކަރަންޓް ބޭނުންކުރެވިފައި ހުންނާތީ ކަމަށް ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކަރަންޓް ބިލްތައް ބޮޑުވުމާ ގުޅިގެން ސާވޭއަށް މާލޭގެ 700 ގޭބީސީއަކަށާއި ބައެއް ވިޔަފާރިތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ބައެއް ގޭގޭގައި އޮޅުމަކުން އެއާކޮންޑިޝަން ޖެއްސިގެން ބިލް ބޮޑުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓް ބިލް ކުޑަކުރެވެން އޮތީ އިގުތިސާދު ކޮށްގެން ކަމަށެވެ.
"އެ ބެލި ބެލުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ މެއި ޖޫންގެ ޕެޓާން އަދިވެސް މިހުރީ އެނގޭތޯ. އޭގެ މާނައަކީ އަންދާޒާ ކުރެވެނީ ޖުލައި މަހު ލިބޭ ބިލްވެސް ބޮޑުވާނެ ކަމަށް. އެއީ ސަބަބަކީ ހަމަ އަޅުގަނޑުމެންގެ ކޮންސަމްޕްޝަން ޕެޓާންއަކަށް ނެތް މާބޮޑު ބަދަލެއް އައިސްފައެއް. އެންމެ ބޮޑު އެދުމަކީ ކަރަންޓް ބޭނުންކުރައްވާއިރު ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބޭނުން ނުކުރުން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ފަރުވާތެރިވެވިއްޖެނަމަ ކަރަންޓް ބިލް ކުޑަކޮށްލެވިދާނެ ކަމަށާއި އަދި ބިލް ކުޑަކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ބޭނުންވާވަރަށްވުރެ އިތުރަށް ކަރަންޓް ބޭނުން ނުކުރުމަށާއި ކުދިކުދި ކަންތައްތައް ރަނގަޅުކޮށްލައިގެން ކަރަންްޓް ބޭނުންކުރެވޭ ވަރު އިގުތިސާދު ކުރެވޭނެ ކަމަށެވެ.
"އެއާ ކޮންޑިޝަން ކޮށްފައި ހުންނަ ރޫމްތައް އަބަދު ދޮރު ހުޅުވާފައި ނުބެހެއްޓުން. މިކަހަލަ ކުދިކުދި ކަންތައްތަކުން އެބަހުރި ރަނގަޅުކޮށްލެވޭނެ. އަޅުގަނޑުމެން ވިޒިޓް ކުރި ބައެއް ގޭބިސީތަކުން ތަންތަނުން ލޮކްޑައުން ކޮށްފައި ހުރި، ހުސްކޮށް ހުރި ތަންތަން ބިލް ބޮޑުވެގެން އަޅުގަނޑުމެންނަށް ޝަކުވާ އައިމާ އަޅުގަނޑުމެން އެޕާޓްމަންޓްތަކަށް ގޮސް ބަލައިލިން،" ފަހުމީ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ ކަރަންޓް ބިލް ބޮޑު ވާން ދިމާވާ ސަބަބަކީ ކަރަންޓަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުން ކަމަށެވެ. އެނާ ވިދާޅުވީ ކަރަންޓް ބިލުން މަތިވަމުން އަންނަ އަދަދަކުން ޑިސްކައުންޓް ލިބުމުން ޝަކުވާ މަދުވެފައިވާ ކަމަށާއި ނަމަވެސް ބޭނުންކުރި އަދަދު ވަރަށް ބޮޑަށް މަތި ކަމަށެވެ.
ނަޖާހު ވިދާޅުވީ ޖޫން މަހު 19.5 މިލިއަން ޔުނިޓް ކަސްޓަމަރުން ބޭނުންކޮށްފައިވާ ކަމަށާއި އެއީ ޖެނުއަރީ މަހާ އަޅާބަލާއިރު 24 ޕަސެންޓް އިތުރުވުމެއް ކަމަށެވެ. ޖުލައި މަހު ބޭނުންކޮށްފައިވާ މިންވަރު ދަށްވާނެ ކަމަށާއި ނަމަވެސް 40 ޕަސެންޓް ސަބްސިޑީ ދޭން ޖުލައި މަހު ނިންމާފައިނުވާ ކަަމަށާއި އެހެންކަމުން ޖޫން މަހު ކަރަންޓް ބިލަށް ދެއްކި ރުފިޔާގެ އަދަދަށްވުރެ ޖުލައި މަހު ދައްކަން ޖެހޭ ރުފިޔާގެ އަދަދު ބޮޑުވެދާނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.
ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަން ފެށުމުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ވަނީ ދީފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަަވެސް ވަނީ ބޮޑުވެފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އަދި އެ ދެ މަހު ފެން ބިލުން ވަނީ 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު