ކުއްލި ޚަބަރު

ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މައުސޫމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި

އަލީ ޔާމިން

މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ރިޝްވަތު ނެގިކަމުގެ ތުހުމަތު ކުރެވުނު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އިސް މެޖިސްޓްރޭޓް މައުސޫމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އޭނާ ހުންނެވީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގަ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މައުސޫމް ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 51 ވަނަ ބައްދަލުވުމުގައެވެ.

މައުސޫމް މަގާމުން ވަކިކުރަން ނިންމިއިރު، އެހެން ބައެއް ފަނޑިޔާރުން ވެސް އެކި މައްސަލަތަކުގައި މަގާމުން ވަކިކުރަން މީގެ ކުރިން ވަނީ މަޖިލީހަށް ފޮނުވައިފައެވެ.