ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ގައުމުގެ އިގުތިސޯދު ވަނީ ވަރަށް ބޮޑަށް އަނަރޫފަވެފައި ކަމަށާއި އިގުތިސޯދު ކޮޅަށް ޖެހުމަށްޓަކައި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކިޔެވުމުގައި މަތީ ސާނަވީ ނިންމުމަކީ އުނގެނުމުގައި އިލްމު ހޯދުމުގެ ފެށުން ކަމަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕްތައް ދެވިގެންދަނީ ވަރަށް މަތީ މަގުސަދެއްގައި ކަމަށެވެ. އެއީ ޒިންމާދާރު ކަމާއެކު ގައުމު އާރާސްތުކޮށް ބިނާކުރުމުގެ މަސްއޫލިއްޔަތާއި ހަވާލުވާނެ އުފެއްދުންތެރި އިލްމީ ދަރިންތަކެއް ބިނާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑެތި ހޭދަތަކެއް އެބަ ކުރެވޭ. ރާއްޖޭގައި ހުރި މަތީ ތައުލީމުދޭ ހުރިހާ ތަނަކުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދައުލަތުގެ ހަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސީ މިދިޔަ އަހަރު. އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް މިހާތަނަށް 6250. 130 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ދޫކުރެވޭ ލޯނުގެ އެހީގެ ދަށުން ތަފާތު 24 ގައުމެއްގައި 1480 ދަރިވަރަކު މަތީ ތައުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަ ކުރަމުންގެންދާ ކަމަށެވެ. އަދި ރައީސް ރައީސްގެ ހާއްސަ ސްކޮލާޝިޕްގެ ދަށުން ތަފާތު ހަތް ގައުމެއްގައި 54 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ދަރިވަރުންވެސް ކިޔަވަމުން އަންނަނީ ރާއްޖެއަށް ބޭނުންތެރި ދާއިރާތަކުން ކަމަށެވެ. އެ ހުރިހާ ދަރިވަރުންނަކީވެސް ގައުމުގެ ތަރައްގީގައި ހިއްސާއެއްވާނެ ދަރިވަރުންތަކަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން ކަމަށާއި އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން ކަމަށެވެ.
"ގައުމުގެ ތަރައްގީ އާއި ކުރިއެރުމަކީ އެ ގައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް އިލްމު ހޯދައިދޭން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް މަތީ ތައުލީމު ހާސިލުކުރަން ނުކުންނަނީ އުންމީދުތަކަކާއި ހާސިލުކުރަން ބޭނުންވާ މަގުސަދެއް އޮތުމުން ކަމަށާއި ހަމައެފަދައިން އެ ކުއްޖާގެ މައިމީހާ ކަމުގައިވާ ދިވެހި ވަތަން، ވެސް އެކުދިންގެ ފަރާތުން ކުރާ އުންމީދުތަކެއް ވެސް ހުންނާނެ ކަމަށެވެ.
"އެއީ ގައުމަށް ވަފާތެރި، ތެދުވެރި އަދި އިހުލާސްތެރިކަމާއެކު ގައުމަށް ހިދުމަތްކުރާނެ ދަރިންތަކެއް ކަމުގައިވުން. ވަކިން ހާއްސަކޮށް މިދުވަސްވަރު، އެފަދަ ދަރިންތަކަކަށް ރާއްޖެ އެބަ ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ގައުމުގެ އިގުތިސޯދު މިވަނީ ވަރަށް ބޮޑަށް އަނަރޫފަވެފައި ކަމަށާއި ރާއްޖޭގެ އިގުތިސޯދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަހަށް ފަހު މިދިޔަ ބުދަ ދުވަހު އަލުން ރާއްޖެ ހުޅުވާލި އިރު، މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން ސިނާއަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
"މިކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި. މިއީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް ގައުމުގެ އިގުތިސޯދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތު. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ގައުމުގެ އިގުތިސޯދީ ހަރަކާތްތަކާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު، މިހާރަށް ވުރެ އިތުރުކޮށްގެން. ހާއްސަކޮށް ތިޔަފަދަ، ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން، ގައުމުގެ އިގުތިސޯދަށް ދިރުން ލިބިގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރާ ކަމަށާއި މިއީ ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށް ޓަކައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޒުވާނުން ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވުމަކީ އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއްގެ ވެސް ހައްލު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު