ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ލައްވައި މަސައްކަތް ކުރުވުމަށްފަހު، މުސާރަ ނުދީގެން އެމީހުން ހަމަނުޖެހުން ހިންގައި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި އެ ބިދޭސީން ރަށުން ބޭލުމަށް (ރިޒް) ކުންފުނީގެ މައްޗަށް ކޯޓު އަމުުރު ނެރުނު މެޖިސްޓްރޭޓުގެ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެގެން ހުންނެވި، ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސޮއިކުރައްވައި ނެރުއްވާފައިވާ ވަގުތީ އަމުރެއްގައި ވަނީ ސީލް މޯލްޑިވްސް އާއި ރިޒް ކުންފުންޏާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރިޒް ކުންފުނީގެ މުއައްޒަފުން ސީލް އިން މަސައްކަތްކުރުވުމަށް ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި މި މުވައްޒަފުން ރަށުން ބޭރުވުމަށް ރިޒް ކުންފުންޏަށް އެންގުމުގެ ބާރު، އެއްބަސްވުމުގެ 6.2 ވަނަ މާއްދާގެ ދަށުން ސީލް މޯލްޑިވްސްއަށް ލިބިގެންވާ ކަމަށް އަމުރުގައިވެއެވެ.

އަމުރުގައި ވަނީ މެއި 23ގައި ސީލް މޯލްޑިވްސް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ރިޒްގެ މުވައްޒަފުން 16 މެއިގައި އެރަށުގައި މާރާމާރީ ހިންގައި ސީލްގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި އެފަރާތްތައް އެރަށުގައި އިތުރަށް ބައިތިއްބައިފިނަމަ، ސީލްގެ މުދަލަށާއި ރަށުގައި ތިބި އެހެން ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފާނޭކަމަށް އަންދާޒާކޮށް، އެ އެންމެން 31 މެއިގެ ނިޔަލަށް ރަށުން ބޭލުވުމަށް ރިޒް ކުންފުނިން އަންގާފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާއަކާ ގުޅުންހުރި ކަންތައްތަކަކާ ގުޅިގެން އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑުގެ ގާނޫނީ ވަކީލަކު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް ފާހަގަނުވާތީ އެ މައްސަލަ ނުބަލަން މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރަކު ގާނޫނު މާނަކުރު ގޮތެއްގެ ނުވަތަ ދިން ރައުޔެއްގެ ނުވަތަ ކުރި ހުކުމެއްގެ ސައްހަކަމާ ގުޅޭގޮތުން ފަނޑިޔާރެއްގެ އެއްވެސް މައްސަލައެއް ކޮމިޝަނުން ބަލަމުން ނުދާ ކަމަށާއި އަދި އެފަދަ މައްސަލައެއް ނުބަލާނެކަމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރާނީ ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރެއިންކަމުގެ ޔަގީންކަން އަރުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ފަނޑިޔާރަކު އަމަލުކޮށްފިކަމުގައި ފެންނަ ފަރާތަކަށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށާއި އެ މައްސަލަތައް ބެލުމާ މެދު ގޮތް ނިންމުމުގެ މަސައްކަތް ކޮމިޝަނުގެ ގާނޫނުގައި އެކަށައަޅާފައިވާ ނިޒާމުގެ ތެރެއިން އުސޫލުތަކާ އެއްގޮތަށް ކުރަމުންދާނެ ކަމަށެވެ.