ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަހަށް ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑުކުރަން ނިންމާފައިވަނީ އެ މައްސަލައިގެ ބާވަތަށާއި، އެ މައްސަލައާ ގުޅޭގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، އެ މައްސަލަ ތަހުގީގުކުރާއިރު ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަށާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކުރި ކަމަށް ތުހުމަތުކުރެވޭ އަމަލުތަކުގެ ތަފުސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން އާންމުކުރެވޭނެ ކަމަށެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލު ކުރިއިރު، އެ މައްސަލަތައް ބާތިލު ކުރި ސަބަބެއް ކަމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލައިގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމެވެ. ނަމަވެސް އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގައެވެ. އަދި އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެއެވެ.

އެ ނިންމުމާ ގުޅިގެން ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ވެސް އަދި އެ ގަބޫލު ނުކުރާ ކަމަށް ވެސް އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

ޝަމީމު ވިދާޅުވީ، ފަނޑިޔާރު ރިއާޔަތް ކުރަންވާނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށާއި ދެ ފަރާތުން ދައްކާ ވާހަކަތަކެއްގެ މައްޗަށް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދީބުގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި އެއްބަސްވުންތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އަދި އޭނާ ފުރަތަމަ ހައްޔަރުކުރި ދުވަހުގެ އެއްވެސް ލިޔުމެއް ދައުލަތުން ކޯޓަކަށް ހުށަހަޅާފައި ނުވާއިރު ވެސް މިއަދު ކުރެއްވި ހުކުމުގައި ހައްޔަރުކުރި ދުވަހާއި ސަބަބާއި ތުހުމަތު ކުރެވުނު ދުވަސް ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތާއި އަދީބާ ދެމެދު އެއްބަސްވުމެއް ހަދާފައިވަނީ އަދީބަށް މަޖުބޫރުކޮށް ޓޯޗާ ކޮށްގެން ކަމަށް ފަނޑިޔާރު ކަނޑައަޅުއްވާފައިވާތީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަން ގާޒީ ވެސް ގަބޫލުކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ދައުލަތުން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ބޭރުކޮށްލި މައްސަލައިގައި، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށާއި އަދީބުގެ ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ.