ފައިސާ ނެގުމަށް ފަހު ވެސް ހައްޖަށް ގެންގޮސްދީފައިނުވާ މައްސަލައިގައި ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
މިއީ މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ކުރާ ދައުވާގެ ތެރެއިން އެއް ދައުވާއެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ، ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލައިގައެވެ.
ހިޔާނާތުގެ ކުށުގެ ދައުވާގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލިއެވެ. ނަމަވެސް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމައި، ހިޔާނާތްތެރިވުމުގެ ދައުވާ ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށް، އެކަމުގެ ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައ ވަނީ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ ބަހެއް ހޯދުމެއް ނެތި މުސްތަފާގެ މައްޗަށް އެކަނި ތަހުގީގު ހިންގައި، ދައުވާ ކޮށްފައި އޮތުމުން އެއީ ފުރިހަމަ ތަހުގީގެއް ނޫން ކަމަށް ބުނެއެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ބުނެފައިވަނީ، ހިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށެވެ. އެ ދައުވާ ބާތިލުކުރީ އެ މައްސަލައިގައި ކުރި ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ކަނޑައެޅުމަށް ފަހު ކަމަށާއި، ހިޔާނާތުގެ އުންސުރުތައް ފުރިހަމަ ވޭތޯ އެ މައްސަލައިގައި ދަށު ކޯޓުން ބަލާފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގު ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ކަށަވަރު ކުރުމާއި، ދައުވާ ކުރުމާއި، ނުކުރުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ކަމަށާއި ކޯޓުތަކުގެ ޒިންމާއަކީ ދައުވާ އުފުލުމުން އެއާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު