ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމީ ވޯކިން ގްރޫޕުގެ އުސޫލު އާންމުކޮށްފިއެވެ.

ޑިޖިޓަލް ރެޑީ ވޯކްފޯސްއެއް ގާއިމުކޮށް ރާއްޖޭގައި އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާގެ ފަންނުވެރިކަން އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން އިތުރު ކުރުމުގެ މަގުސަދުގައި އުފައްދާ ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމީ ވޯކިން ގްރޫޕަކީ، ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށާއި، ދާއިރާއާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި އަންހެނުންގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުކޮށް، އަންހެނުން މި ދާއިރާގައި އިތުރުކުރުމާއި ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ލަފާއެރުވުމަށް އެކުލަވައިލެވޭ ވޯކިން ގްރޫޕެކެވެ.

ކޮމިޔުނިކޭޝަން މިނިސްޓްރީން ބުނީ، ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ގައުމީ ފެންވަރުގައްޔާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެވޭނޭ ގޮތްތައް ފާހަގަކޮށް، އެފަދަ ކަންކަން ރަނގަޅު ކުރެވޭނޭ ގޮތްތަކުގެ ލަފާ އެރުވުމަކީ ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމީ ވޯކިން ގްރޫޕުގެ ޒިންމާއެއް ކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި އަންހެނުން ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި ތަމްސީލްކުރާ މިންވަރު އިތުރުކުރުމަށް ކުރެވޭނޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެ ގްރޫޕުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމީ ވޯކިން ގްރޫޕްގެ މެންބަރުކަމުގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ އިރު، މެންބަރުން ހޮވުމުގައި އެކިއެކި ދާއިރާތަކަކުން ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވި، އޭގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މެންބަރުން ހޮވޭނެ ކަމަށްވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ވޯކިން ގްރޫޕަށް މެންބަރުން ހޮވުމުގައި މަދުވެގެން 50 އިންސައްތަ އަންހެނުން ހިމަނަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

  • ސައިންސް ދާއިރާ
  • ޓެކްނޮލޮޖީ ދާއިރާ
  • އިންޖިނިއަރިން ދާއިރާ
  • މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ
  • މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް
  • ޗީފް ޓެކްނޮލޮޖީ އޮފިސާ އޮފީސް
  • ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާ

ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.