އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ ތަހުގީގަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އޭނާގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލައިގައި، އޭނާގެ މައްޗަށް ދއުލަތުން އުފުލި އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ މައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ބުނެ އެ މައްސަލަ ބާތިލްކުރަން ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކޮށްފައިވަނީ، އެއީ ޝަރުއީ ނިޒާމު ބަލައިގެންފައިވާ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވާތީ ކަމަށް ދައުލަތުން ބުނެފިއެވެ.

އެ މައްސަަލަ ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑު އެހުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ މައްސަލައާ ބެހޭގޮތުން ކުރު ހުލާސާއެއް ހުށަހެޅުމަށް ދެންނެވުމުން، ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުޝާދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ކޯޓުތަކުން ބައެއް މާއްދާތައް މާނަ ކުރެއްވުމަކީ، ގާނޫނުގެ މަގުސަދު ހާސިލު ނުވާނެހެން ގާނޫނު މާނަކުރެވިދާނެ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެކޭ ކަމަށެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދައުވާގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސިއްރު ތިން ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށްވެސް ރިއާޔަތްކޮށް ގެންނެވެ.

އެހެންކަމުން އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ، ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާ އާއި 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެއެވެ.

އެ މައްސަލަގައި، އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބާތިލް ކުރުމުގެ އިތުރުން ދަށު ކޯޓުން ސިއްރު ހެކީންގެ ހެކިބަސް ނަގާފައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ދައުލަތުން ސުޕްރީިމް ކޯޓުގައި އިސްތިއުނާފް ކޮށްގެން ކުރިޔަށް ދަނީ އެ ހުކުމްގައި ހިމެނޭ ސިއްރު ހެކީގެ ބައެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސެކިއުޓާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދީފައި އޮތުމަކީ، އޮޅުމަކުން ރައްޔިތުންގެ މަޖިލީހަށް ކުރެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ސިއްރު ހެކިބަސް ނަގަން އޮތް ހުރަހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެއީ ސިއްރު ހެކިބަސް ނެގޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ހިލާފު ނިންމުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އުސޫލެއް ނެތުމުން ކަމަށް ބުނެ ޖިިނާއީ އިޖުރާއާތުގެ ގާނޫނުގެ އުސޫލުތަކުގެ ބާރު ކެނޑޭ ގޮތަށް ގާނޫނު މާނަކުރަން ފަށައިފި ނަމަ، ޖިނާއީ އަދުލުގެ ނިޒާމު ހިންގަން ކޮންމެހެން ބޭނުންވާ ކަންކަން ހުއްޓުމަކަށް އަންނާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެހެން ކަމުން އެކަމަށް އޮތް ހައްލަކީ އެކަންކަން ކުރެވޭނެ ގޮތަށް ކޯޓުތަކުން މާނަ ކުރުމެއް ހޯދައިދިނުން ކަމަށާއި، އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މިއަދުގެ ޝަރީއަތުގައި މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މައްސަލައާ ބެހޭ ގޮތުން ދައްކަވަން ބޭނުންފުޅުވާ ވާހަކަތައް މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައްކަވައިފައި ވާނެ ކަމަށެވެ. އެހެންކަމުން އެދިވަޑައިގަންނަަވަނީ އެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.