ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މި ހުކުމް ކުރީ ޔޮޓް ޓުއާސްގެ ހއ. އަލިދޫ ރިސޯޓް އެލައިޑްގައި އިންޝުއާކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އެލައިޑަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނިކޮށް 2014 ވަނަ އަހަރު މޫސުން ގޯސް ވެ، އެ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަށް 22،784،837.59 މިލިއަން ޑޮލަރު ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ނިންމު ޔޮޓް ޓުއާސުން ދައުވާކުރުމުންނެވެ.
ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ. ނަމަވެސް ޔޮޓް ޓުއާސް އިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
އެ މައްސަލަ އަލުން ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، އަލިދޫ ރިސޯޓަށް މޫސުމީ ގޮތުން ލިބުނު ގެއްލުންތަކަކީ ޔޮޓް ޓުއާސް އާއި އެލައިޑާ ދެމެދު ސޮއިކޮށްފައިވާ ފަޔާ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެން ޖެހޭ ނުރައްކަލުން ވެފައިވާ ގެއްލުންތަކެއް ކަމަށެވެ.
އެ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސް އަށް އިންޝުއަރެންސް ކްލައިމްގެ ގޮތުގައި ބަދަލުދޭން ޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 22،784،837.59 މިލިއަން ޑޮލަރަކީ އެލައިޑުން ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން މިއަދުން ފެށިގެން ހަ މަސް ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ހުކުމުގައިވެ އެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް