ސިޔާސީ

ލީޑަޝިޕްގެ ބޭފުޅުން ކޮންމެ އެއްޗެއް ވިދާޅުވިޔަސް ރައީސް ޔާމީން ޕީޕީއެމްގެ ދޮރު އަޅުގަނޑަށް ހުޅުވާލަފާނެ: އުމަރު

އިބްރާހިމް ޒަކީ

ޕީޕީއެމްގެ ލިޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް، މިހާރު ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އަތްޕުޅުން ޕީޕީއެމްގެ ދޮރު އުމަރު ނަސީރަށް ހުޅުއްވައި ދެއްވަފާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަވަސް އޮންލައިންގެ "ފަށަމާ" ޝޯގައި އުމަރު މިހެން ވިދާޅުވީ، ޕީޕިއެމްއިން އުމަރަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަންގައި މިހާރު ތިއްބެވި އިސް ލީޑަރުން ކަމުގައިވާ ޕީއެންސީގެ ލީޑަރު އަބްދުރުއްރަހީމް އަބުދުﷲ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ޕީޕީއެމް އަކީ އޭނާގެ ޕާޓީއެއް ކަމަށެވެ. އެ ޕާޓީއަކީ، ރައީސް މައުމޫނުގެ ސަޕޯޓް ބޭސްގައި އުމަރާއި، ރައީސް ޔާމީނާއި ރައީސް މައުމޫނު ވެގެން އުފެއްދެވި ޕާޓީއެއް ކަމަށެވެ.

ރާއްޖޭގައި ޕޮލިޓިކްސް އޮންނަ ގޮތަކީ، ޕާޓީއެއް ބަޔަކަށް ލިބިއްޖެނަމަ އެހެން ލީޑަރަކު އެ ޕާޓީއަށް އަޔަނުދިނުމަށް މަސައްކަތް ކުރުން ކަމަށާއި، ޕީޕިއެމުން ކަންތައް ކުރަނީ އެގޮތަށް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެއީ ހައިރާންވާ ކަމެއް ނޫން ކަމަށާއި، އެކަމުންވެސް ދޭހަކޮށްދެނީ އޭނާއަކީ ލީޑަރެއް ކަމުގައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެ ކަމަށާއި، 2018 ގެ އިންތިހާބުގައި ފަހަތަށް ޖެހިވަޑައިގެންނެވި ގޮތަށް 2023 ގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނަކީ ގުނބޯހެލިގެންދާ ބައެއް ނޫންކަން ޕީޕީއެމް އާއި އެމްޑީޕީއަށް ދައްކާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ޕީޕީއެމާ ދިމާއަށް ބާޒުތައް އަންނާނެކަމަށް ވިދާޅުވެ އެކަން ބެލުމަށް ރައީސް ޔާމީން، ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާފައި އޮތުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ޝައުގުވެރިކަން އޮތުން ކަމަށެވެ. ޖަލުގައި އޮންނަން ޖެހުމުން އޮޕޮޒިޝަން ލީޑާރުގެ ޓެގް ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެ ފުރުސަތު ރައީސް ޔާމީން ދޫކޮށް ނުލައްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ނަމަވެސް އުމަރު ވިދާޅުވީ، ޕީޕީއެމްއަކީ ވެރިކަން ބޭނުންވާނެ ޕާޓީއެއް ކަމަށެވެ. އެކަމަކު ރައީސް ޔާމީން ފިޔަވައި އެ ޕާޓީގައި ދެން ތިއްބެވީ ބީގްރޭޑާއި ސީ ގްރޭޑްގެ ލީޑަރުން ކަމަށާއި، ރައީސް ޔާމީން ޖަލުގައި އޮތުމުން، ޕީޕީއެމް ވެރިކަމަށް އައުމަށް އެޕާޓީއަށް އޭ ގްރޭޑް ކެނޑިޑޭޓަކު ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އެހެންކަމުން އުމަރު ވިދާޅުވީ، "ހުދު ރައީސް ޔާމީން އެމަނިކުފާނު އަމިއްލަ އިސްނެންގެވުމަށް އުމަރަށް ދައުވަތު ނުދެއްވާނެ ކަމަށް ނުދަންނަވާނެ ކަމަށެވެ. އަދި "ހުދު ރައީސް ޔާމީން، އެމަނިކުފާނުގެ އަތްޕުޅުން ޕީޕީއެމްގެ ދޮރު އަޅުގަނޑަށް ނުހުޅުވާނެ ކަމަކަށް ނުދަންނަވާނަން،" ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީނާ އެއްވެސް ދުޝްމަނު ކަމެއް ނެތް ކަމަށާއި، ފުރިހަމަ އިހުތިރާމް އެމަނިކުފާނަށް ދެއްވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ރައީސް ޔާމީންގެ ހުރިހާ ސިޔާސަތުތަކަށް ތާއީދު ކުރެއްވުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން ޕީޕީއެމްގެ ދޮރު އޭނާއަށް ނުހުޅުވުމަކީ މައްސަލައެއް ނޫން ކަމަށާއި، އެދޮރު އޭނައަށް ކޮންމެހެން ހުޅުވާކަށްވެސް ނުޖެހޭ ކަމަށެވެ. އޭނާ ބޭނުން ދިމާއަކުން ކުރިއަރައިދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެއްވެސް ކަމެއް ތަބަކަކަށްލައިފަ އޭނާ ބޭނުން ނުވާ ކަމެވެ.