އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-0 ގެ ނަތީޖާ އަކުން ބަލިކޮށް އެމުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި އެވެ.
ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ސިޓީ ކޮޅަށް އާސެނަލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ގޭބޮންގެ ހުނަރުވެރި ފޯވާޑް ޕިއޭ-އެމެރިކް އޮބަމިޔަން އެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހެއް އޮބާމިޔަން ފޮނުވައިލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި އާސެނަލްގެ ޝޮރްޑަން މުސްތާފީ ސިޓީގެ ރަހީމް ސްޓާލިން އަށް ފައުލްކުރި ކަމަށް ބުނެ ޕެނަލްޓީއަކަށް އެޕީލްކުރިއެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައިފަ އެވެ. އާސެނަލްގެ ދެ ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އޮބަމިޔަން ޖެހީ ކިއެރަން ޓިއާނީ ދިން ބޯޅަ ހޯދުމަށް ފަހު ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ވައްދާލައިގެންނެވެ. މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވުމަށް ފަހު އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން 66 ވަނަ ގޯލެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް އާސެނަލުން ކަށަވަރުކުރިއިރު މި މުބާރާތް އެންމެ ފަހުން އެޓީމުން ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. މިއީ މި މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި 21 ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް އެޓީމަށް ލިބެނީ 13 ތައްޓާ އެކު އެވެ. އާސެނަލާ އެންމެ ގާތުން ވާދަކުރަނީ 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.
އާސެނަލާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް އެނގޭނީ މިރޭ މެންޝެސްޓާ ޔުނައިޓެޑާއި ޗެލްސީއާ ކުޅޭ ދެ ވަނަ ސެމީ މެޗުންނެވެ. މި ދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު