މިހާރުގެ ހާލަތަށް ބަލާއިރު ފިޔަވަޅުތަކަށް ބަދަލެއް ނާންނާނެ ކަމަށާއި ނަމަވެސް ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް ހަރުދަނާކުރަން ޖެހޭނެ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ހާލަތަށް ބެލުމަށްފަހު ސްކޯއެއް ދެމުން އަންނަ ކަމަށާއި އެ ސްކޯއަށް ބަލާނަމަ މިހާރު ވެސް ދޭ ލުއިތަކާއެކު ކުރިއަށްދެވޭނެ ކަމަށެވެ.
"އެ ސްކޯއަށް ބަލައިލައިފިއްޔާ އަދިވެސް އެޕިޑެމިކްގެ ހާލަތު ހުރި ގޮތަށް ބަލާފައި މިހާރު ދެވިފައިވާ ލުއިތަކާއެކުގައި، އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށްގެންދިއުމާއެކު ކުރިއަށްދެވިދާނެ. އަދި އެޕިޑެމިކް ޓްރެންޑްސްތައް ހުރި ގޮތަށް ބަލައިލައިފިއްޔާ ވަރަށް ގާތުން އެޕިޑެމިކް އެބަޖެހޭ މޮނީޓާކުރަން. ކުރިއަށްއޮތް ހަފުތާތަކުގައި އަދަދުތައް އިތުރަށް ގޯސްވަމުންދާ ކަމަށްވަންޏާ އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ޖެހޭނެ. މިދިޔަ ހަފުތާ ނިމުނު އިރު ހުރި އަދަދުތަކާއި ޓޯޓަލް ސްކޯ ހުރި ގޮތަށް ބަލާފައި އީސް ނުވަތަ ދެވިފައިވާ ލުއިތައް ރައްކާތެރިކަމާއެކުގައި އެގޮތަށް ކުރިއަށްގެންދާ ގޮތަށް ނިމިފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ އަދިވެސް ގުޅުމެއް ނެތް ކޭސްތައް ގިނަ ކަމަށާއި ނަމަވެސް މީގެ ތިން ހަފުތާ ކުރިއާ އަޅާ ބަލާއިރު ގުޅުން ނެތް ކޭސްތައް މަދު ކަމަށެވެ. އަދި ގުޅުމެއް ނެތް ކޭސްތައް ގިނަވަމުންދާ ކަމަށްވަންޏާ ލޮކްޑައުންއަށް ދިން ލުއިތައް އިތުރަށް ވަރުގަދަކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަންލިންކްޑް ކޭސަސްގެ ޕަސަންޓޭޖު ވެސް މަތީގައި މިހުރީ. އީސް ޕީރިއަޑް ފެށުނު އިރުއްސުރެ ފަށައިގެން ޓްރެންޑް ކޮމްޕެއާ ކޮށްލާ ކަމަށްވަންޏާ، މަޑުމަޑުން އަންލިންކް ކޭސަސްތައް ފުރަބަންދަށް ލުއި ދިން ހަފުތާއިން ފަށައިގެން މައްޗަށް ދާ ކަމަށް ފާހަގަކުރެވިފައި މިހުރީ. ނަމަވެސް މީގެ ތިން ހަފުތާ ކުރިއާ އަޅާ ބަލާއިރު އަންލިންކްޑް ކޭސަސް މަދުވެއްޖެ، 40 ޕަސަންޓުން 30 ޕަސަންޓަށް. އެކަމަކު ވެސް އަންލިންކް ކޭސަސްގެ އަދަދު މިހުރީ ފުދޭވަރަކަށް މަތީގައި." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު