ކޮވިޑަށް ޕޮޒިޓިވް ނަމަވެސް، ބ. ތުޅާދޫގައި މަރުވި މީހާއަކީ ކޮވިޑް މަރެއް ނޫން ކަމަށް ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ އެމީހާއަކީ މާލެއިން ގޮސް ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

މިއަދު ބ. ތުޅާދޫގައި މާލެއިން ގޮސް ކަރަންޓީނުވެފައި ހުރި ފަރާތެއް ވަނީ ނިޔާވެފައި. އޭނާ ނިޔާވުމަށްފަހު ޓެސްޓުކުރުމުން ވަނީ ކޮވިޑަށް ޕޮޒިޓިވް ކަމަށް ރިސަލްޓުން ދައްކާފައި. އެ ފަރާތުގެ ސިއްހީ ހާލަތާއި ޑޮކްޓަރުންނަށް އޭނާ ހެލްތު ފެސިލިޓީއަށް ގެންދިއުމަށްފަހު ކުރެވުނު ޓެސްޓުތަކުގެ ނަތީޖާއަށް ބަލާ އިރުގައި އޭނާގެ އިމީޑިއޭޓް ކޯސް އޮފް ޑެތު ނުވަތަ ނިޔާވާން ސީދާ މެދުވެރިވި ސަބަބަކީ ހާޓްއެޓޭކެއް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ. ސީދާ ކޮވިޑުގެ ސަބަބުން ނިޔާވި މީހެއް ނޫން ކަމަށް މިވަގުތު ނިންމިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެއީ ކޮވިޑާ ގުޅުންހުރި މަރެއް ކަމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެއީ ކޮވިޑު މަރެއްގެ ގޮތުގައި ނުގުނުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.