ނެލްސަން މަންޑޭލާ ރޫލްސްއަށް ފުރިހަމައަށް އަމަލުކުރަން ފެށުމުން ޖަލުތަކުގެ ވަރަށް ގިނަ ކަންކަން އިސްލާހުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ނެލްސަން މަންޑޭލާ އިންޓަނޭޝަނަލް ޑޭ" ގެ މުނާސަބަތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) އާއި ހޯމް މިނިސްޓްރީ ގުޅިގެން މިއަދު ވަނީ ނެލްސަން މަންޑޭލާ ޑޭ މަސައްކަތު ބައްދަލުވުން ފަށައިފައެވެ.

އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުން ކަމަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޖަލުގެ ވަސީލަތްތައް ގާއިމުކޮށް، ގައިދީންނާ މެދު އަމަލުކުރުން ކަމަށެވެ.

"އޭގެ ތެރޭގައި ޖަލުގެ ސިއްހީ ނިޒާމާއި ގައިދީންގެ އަހުލާގާއި މުއާމަލާތް ކުރެވޭ ގޮތާއި މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރެވޭ ގޮތް ހިމެނޭ. އެ މަގަށް ކުރެވޭ މަސައްކަތްތަކުގައި ގައިދީންގެ ހައްގުތައް ރައްކާތެރިކުރުމަށް ނެލްސަން މަންޑޭލާ ރޫލްސް އެހީވެދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވިގެން ދިއުމަކީ އެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން ސުލްހަ މަސަލަސްކަމާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާސިލުވުމަށް އެހީވެދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވޭ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނެލްސަން މަންޑޭލާ ދުވަހަށްވުމީ އުފަލެއް. އަދި މިއީ ރާއްޖޭގައި މި ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް އިތުބާރާއެކު ކުރިއަށްދާންވީ ވަގުތު ކަމަށެވެ.

"މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު، މިސް ކެތަރިން ހަސްވެލްއަށް ދަ ނެލްސަން މަންޑޭލާ ރޫލްސް ފޮތުގެ ދިވެހި ތަރުޖަމާ އަރުވައިފައެވެ.