ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ގެނައުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ނުވަތަ އެމީހުން އުޅޭނެ ތަނެއް ދޭން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދަން ދަތިވެދާނެ ކަމަށް މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ ނަމުގައި އެމަނިކުފާނު ލިޔުއްވާފައިވާ މަޒުމޫނެއްގައި ވަނީ ކޮވިޑް ރޯގާއާ ގުޅިގެން ފާހަގަވި އެއް ކަމަކީ ރާއްޖޭގައި ދިރިއުޅޭ، މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބޭރު މީހުންނާ ގުޅިގެން ފާހަގަވި މައްސަލަތައް ކަމަށެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގެ ފެންވަރުގެ މައްސަލަތަކާއި އެމީހުންނަށް ދޭންޖެހޭ މުސާރަ ނުދިނުމުގެ މައްސަލަތައް ކަމަށެވެ. އަދި އެމީހުންނާ މެދު އަމަލުކުރާ ނިކަމެތި ގޮތްތަކުގެ މައްސަލަތައް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މިމައްސަލަތައް ބޭރު މީހާއަށް މަޖުބޫރުކޮށްފައި ވަނީ މަގުމަތީގައި ގިނަވެފައި ހުރުމަށް. މާލޭގައި ދިރިއުޅޭ ދިވެހި މީހާ އާއި ބޭރުމިހާއާ މައްސަލަ ދިމާވަނީ މާލޭގައި ދިރިއުޅޭ ދިވެހި މީހާގެ ޖާގައިގާ ބޭރުމީހާ ހުންނާތީ. މާލެ ތޮއްޖެހިފައި މިއޮތް މިންވަރުން ބޭރު މީހުންނާއި ދިވެހިންނާއި އެންމެނަށް މިތަނުގައި އުޅުމުގެ ޖާގަ ނެތީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ލިޔެކިޔުން ނެތި 70،000 މީހުންނާ ގާތްކުރާ އަދަދަކަށް ބިދޭސީން އެބައުޅޭ ކަމަށާއި މި ހުރިހާ މީހުން ހިފައި ހައްޔަރުކޮށް ތަންތަނުގައި ބަންދުކޮށްފައި ބޭތިއްބޭނެ ގޮތެއް ނެތް ކަމަށެވެ. އެއީ ހިނގާނެ ހަރަދު ބޮޑުވާނެތީ ނޫން ކަމަށާއި އެއީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭތީ ކަމަށް ވިދާޅުވިއެވެ.
"ގަވާއިދާ ހިލާފަށް އުޅޭ މީހާ ގަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހޭ. އަދި އޭނާ އުޅޭނެ ތަނެއް ދޭން ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި މި ދެކަންވެސް ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއް ނޫން. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލިޔެކިޔުން ގެއްލުވާލާފައިވާ ބޭރު މީހުން އެމީހުންގެ ރަށް ކަމަށް ލަފާކުރެވޭ ރަށަށް ފޮނުވާލައި، އެމީހުންގެ މައްސަލަ ހައްލުކުރެވުނު އެއްވެސް ގައުމެއް ނެތް ކަމަށެވެ. ތަރައްގީ ވެފައިވާ ގައުމު ތަކަށްވެސް ޖެހެނީ އެމީހުނަށް ތިބެވޭނެ ގޮތް ހަދައިދޭން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޔޫރަޕުގެ ގައުމުތަކުން ހެޔޮއަގުގައި މަސައްކަތް ކުރުމަށް މީހުން ގެނެސް މަސައްކަތްކޮށް ނިމުމުން އެމީހުން ފޮނުވައެއް ނުލެވުނު ކަމަށާއި އިނގިރޭސިވިލާތުގެ ގިނަ ބޮޑެތި ސިޓީތަކުގައި އިންޑިއާ ދަރިކޮޅާއި އެފްރިކާގެ އެކިއެކި ދަރިކޮޅުގެ ރަނގަޅު ޓައުންތައް އެހުރީ ބިނާވެފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިނގިރޭސިން ބޭރު މީހުންގެ ކަންތައް ކޮންމެވެސް މިންވަރަކަށް ހައްލުކޮށްފައި އެވަނީ އެމީހުންގެ "ބޭރުކަން" ކަޑާލައިގެން. އެމީހުންނަށް އިނގިރޭސިވިލާތުގައި ތިބެވޭނެ ގޮތް ހަދައިދީގެން. ދިރިއުޅޭނެ ތަނާއި އަދި ކުރާނެ މަސައްކަތް ދީގެން. އެމީހުންގެ އާއިލާތަކަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދީގެން. މި ބަދަލުތައް ވެދިޔައީ އިނގިރޭސި އިގުތިސާދަށްވެސް ނުހަނު ހެޔޮ އަސަރު ކުރި ބަދަލުތަކަށް،" ނަޝީދުގެ މަޒުމޫނުގައިވެއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކާކުކަން ނޭނގޭ ބޭރު މީހުންގެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ އެމީހުން ފޮނުވައިލުން ކަމަށް ދެކިއްޖެ ނަމަ އެއީ މައްސަލައަށް ހައްލެއް ގެނެވިދާނެ ގޮތެއް ނޫން ކަމަށެވެ. ހުރިހާ އެންމެން ފޮނުވައިނުލެވޭނެ ކަމަށާއި ދިވެހި އެއްވެސް ވެރިއެއް އެގޮތަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވަނީ ނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އުންމީދު ކުރާ ގޮތަކީ ނުވަތަ އެދޭ ގޮތަކީ އެއީ ކަން ކުރެވޭން އޮތް ގޮތެއް ނޫން ކަމަށާއި ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މި ބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެ ކަމަށާއި އެހެން ނަމަވެސް މީގެ ފަހެއް ނުވަތަ ދިހަ އަހަރު ފަހުން މި މައްސަލަ އޮންނާނީ އަދި މާ ބޮޑުވެފައި ކަމަށެވެ. އޭރުންވެސް، އަމަލު ކުރަން ޖެހޭނީ މިއަދު މިދަންނަވާ ބާވަތުގެ ގޮތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު