ރިޕޯޓް

ބޮޑުފިނޮޅު ހާދިސާ: ވަކީލުން ބުނަނީ ހައްޔަރުކުރި 19 ބިދޭސީންނަށް މަރުގެ އިންޒާރު ދިނީ ދިވެހީން ކަމަށް

އަލީ ޔާމިން

2

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި، މުސާރަ ނުދޭތީ ކަމަށްބުނެ، މިމަހުގެ 2 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީން ހައްޔަރުކޮށް އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ހަމަނުޖެހުންތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވި ބިދޭސީން ކަމަށެވެ.

އެ ބިދޭސީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވެސް ހިމެނެއެވެ. ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކުގައި އެރަށުގައި ހުރި މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އެގޮތުން އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށާއި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާ ވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

19 ބިދޭސީން ހައްޔަރުކޮށްގެން، ފުލުހުން މިމަހުގެ 4 ވަނަ ދުވަހު ބ. ތުޅާދޫއަށް އެމީހުން ގެންދިޔައިރު ތިބީ އަތުގައި ބިޑި އަޅުވައިފައެވެ. އެމީހުންނަށް މުއްދަތު ޖެހުމަށް ބ. އޭދަފުށްޓަށް ގެންގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ބޮޑުފިނޮޅު މައްސަލައިގައި ހައްޔަރުކުރި ބިދޭސީންނަށް މުއްދަތު ޖަހާފައިވާއިރު، އެ ބިދޭސީންނަށް އެމީހުންގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަންވެސް ނޭނގޭ ކަމަށާއި، އެ މީހުން ހައްޔަރުކޮށްފައިވަނީ ސީލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ބޮޑުބޭބެ ކިޔާ މީހެއްގެ ލަފާގެ މަތީން ކަމަށް ބިދޭސީން ބުނެފައިވާ ކަމަށް ބިދޭސީންގެ ފަރާތުން ވަކާލާތު ކުރާ ގާނޫނީ ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވާ އާމިނަތު ނަޝްއާ އާދިލް ވިދާޅުވިއެވެ. ހައްޔަރު ކުރިއިރު، ހަމަނުޖެހުންތަކުގައި އެއްވެސް ވަރަކަށް ބައިވެރި ނުވާ "އިނޮސެންޓް" ބަޔަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ނަޝްއާ ވިދާޅުވިއެވެ.

ބިދޭސީން ހައްޔަރު ކުރީ އިޖުރާއަތްތަކާ ހިލާފަށް!

ހަމަނުޖެހުންތައް ހިންގިއިރު ބޮޑުފިނޮޅުގައި ތިބި 200އެއްހާ ބިދޭސީންގެ ތެރެއިން 19 ބިދޭސީއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބިދޭސީންގެ ފަރާތުން މަސައްކަތް ކުރާ ވަކީލުންގެ ޓީމުން ބުނެއެވެ. ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އާމިނަތު ނަޝްއާ އާދިލް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކަކީ މުސާރަ ނުދޭ މައްސަލައިގައި ހިންގި ހަމަނުޖެހުންތަކެއް ނޫންކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީން ބުނާ ކަމަށާއި އެ ދުވަހު ހިނގައިދިޔަ ކަންކަން ވަނީ ވަކިބަޔަކު ބޭނުންވާ ގޮތަށް ވަރަށް ބޮޑަށް އޮޅުވާލައިފައި ކަމަށެވެ. އެގޮތުން އެދުވަހުގެ ހަމަނުޖެހުންތަކަކީ އެރަށުގައި ތިބި ބިދޭސީންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެރަށުގައި މަސައްކަތް ކުރި ސީލް ކުންފުނީގެ ސައިޓް ސުޕަވައިޒަރަކު ދިނުމުން ހިނގައިދިޔަ ހަމަނުޖެހުންތަކެއް ކަމަށް ބިދޭސީން ކިޔައިދީފައިވާ ކަމަށް ނަޝްއާ ވިދާޅުވިއެވެ.

"މިމަހުގެ 1 ވަނަ ދުވަހު އެރަށުގައި ތިބި ގިނަ ދިވެހިން މިވަނީ އެމީހުންގެ ރަށްރަށަށް އެނބުރި ގޮސްފައި، އެއީ ލޮކްޑައުންއަށް ދިން ލުއިތަކާއެކު. ދެން އެރަށުގައި ތިބި ދިވެހިން ދިއުމުން ސީލް ކުންފުނީގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި އެރަށުގައި މަސައްކަތް ކުރާ ދިވެއްސަކު މިވަނީ ވަރަށް ބޮޑަށް ބިދޭސީންނަށް ބިރު ދައްކައި މެންޓަލީ ޓޯޗާކޮށްފައި. އެގޮތުން ބިދޭސީއަކު ކައިރީގައި ބަހައްޓައިގެން ސީލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ބޮޑުބޭބެ ކިޔާ މީހަކަށް ގުޅައި ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ހަމަލާދިނުމަށް ބަޔަކު ފޮނުވުމަށް އެދިފައިވާ ކަމަށް ބިދޭސީން ބުނޭ" ނަޝްއާ ވިދާޅުވިއެވެ.

ސައިޓް ސުޕަވައިޒަރުގެ ފަރާތުން ލިބުނު އިންޒާރަށް ފަހު، އޭގެ އިރުކޮޅެއް ފަހުން ނުދަންނަ ނަންބަރަކުން އެ ބިދޭސީ މީހާއަށް އައި ފޯނުކޯލެއްގައި މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށް ބިދޭސީން ބުނާ ކަމަށް ނަޝްއާ ވިދާޅުވިއެވެ.

މިމަހުގެ 1 ވަނަ ދުވަހު ބޮޑުފިނޮޅުން ފޭބި ބައެއް ދިވެހިން މިމަހުގެ 2 ވަނަ ދުވަހު އަލުން އަނބުރާ ބޮޑުފިނޮޅަށް ގޮސްފައިވާ ކަމަށާއި، އެމީހުން ދިއުމުން އެރަށުގައި ތިބި ބިދޭސީން ވަނީ އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން އެރަށުގައި މަޑުކޮށްދިނުމަށް ދިވެހިންގެ ކިބައިން އެދިފައި ކަމަށް ނަޝްއާ ވިދާޅުވިއެވެ.

"2 ވަނަ ދުވަހު ބައެއް ކަހަލަ ތަކެތި ބަލައި އެރަށަށް ދިވެހިން ދިއުމުން ބިދޭސީން މި ބުނަނީ ތިމަންނަމެން ޑޮކްޓަރަށް ދެއްކޭނެ ގޮތެއްވެސް ކެވޭނެ ގޮތެއްވެސް ނެތޭ. އެހެންވީމަ ތިމީހުން މިކޮޅުގަ މަޑުކޮށްދޭންވީނޫންހޭ. އެއްވެސް މަސައްކަތެއް ނުކުރިޔަސް ހެވޭ ބިދޭސީން ބުނިކަމަށްވޭ. ދެން އެކަމަށް އެ ދިވެހިން އެއްބަސްވެފައިވެސް ވޭ. އެއީކަންނޭނގެ ރަހީނޭ މިކިޔާ ވާހަކައަކީ" ބޮޑުފިނޮޅުގައި ދިވެހިން ރަހީނު ކުރި ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން ނަޝްއާ ވިދާޅުވިއެވެ.

މިމަހުގެ 2 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައިވެސް ފުލުހުން ބޮޑުފިނޮޅަށް އަރައިފައިވާ ކަމަށް ބިދޭސީންނާ ހަވާލާދީ ނަޝްއާ ވިދާޅުވިއެވެ.

"އެދުވަހުގެ މެންދުރު ގަޑީގައި ފުލުހުންގެ 8 ބޭފުޅުން ބޮޑުފިނޮޅަށް އައިސްފައިވާ ކަމަށް ބިދޭސީން ބުނޭ. އެމީހުން އައިސް ވަނީ ބިދޭސީން ކައިރީގައި ވަކި ސަރަހައްދެއް ކަނޑައަޅައި އެތަނުން ބޭރަށް ނުދެވޭނެ ކަމަށް ބުނެފައި. އެކަމާ ހިތްހަމަނުޖެހި، ބިދޭސީން އަޑުގަދަކުރަން ފެށުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހާފައި. އެއާއެކު ބިދޭސީންތައް، ގާތްގަނޑަކަށް 200އެއްހާ ބިދޭސީން އެއްފަހަރާ ހަޅޭއް ލަވަން ފެށުމުން ފުލުހުންނަށްވެސް އެރަށުގައި ތިބި ދިވެހިންނަށްވެސް މި ސިފަވީ ބިދޭސީންގެ ފަރާތުން ހަމަލާއެއް އަތުވެދާނެއޭ. އެހެން ހިތަށް އަރާ އެންމެވެސް މި ދުއްވައިގަތީ ލޯންޗާ ދިމާއަށް. ލޯންޗަށް ހުރިހާ ފުލުހުން އެރުމުން ލޯންޗު ވަނީ ވަގުތުން އެރަށުން ފުރާފައި." ބިދޭސީންގެ ވާހަކަތައް ކިޔައިދެމުން ނަޝްއާ ވިދާޅުވިއެވެ.

ފުލުހުންގެ ލޯންޗު އެރަށުން ފުރުމުން އެދުވަހުގެ (2 ވަނަ ދުވަހު)ގެ މެންދުރު ފަހުގެ ވަގުތެއްގައި ތުޅާދޫން މީހުންނާއެކު ދޯންޏެއް ބޮޑުފިނޮޅަށް އައިސްފައިވާ ކަމަށް ބިދޭސީން ބުނާ ކަމަށާއި، އެ ދޯނިން އައި މީހުން ވަނީ ދުރުގައި ތިބެ ވަޅި ފަދަ ތޫނު އެއްޗެހިން ބިދޭސީންނަށް ބިރުދައްކާފައި ކަމަށްވެސް ނަޝްއާ ވިދާޅުވިއެވެ.

"އެމީހުން އެގޮތަށް އައިސް ބިރުދެއްކީމަ ދިފާއު ވުމަށް ބިދޭސީންވެސް ތިބީ ކޮންމެވެސް ވަރަކަށް ތައްޔާރުވެގެން. ބިދޭސީން ގަބޫލުކޮށްގެން ތިބީ އެ މީހުން އެ އަންނަނީ ބިދޭސީންގެ ދުވަސް ދުއްވާލުމަށޭ. އެހެންކަމުން އެގޮތް ބިދޭސީން ބޭނުމެއް ނުވޭ. އެހެންވެ، އެމީހުން (ތުޅާދޫން އައި މީހުން) ބޮޑުފިނޮޅަށް ނޭރުވުމަށް ބިދޭސީން ދިޔައީ މަސައްކަތް ކުރަމުން" ނަޝްއާ ވިދާޅުވިއެވެ.

ބޮޑުފިނޮޅުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޓީމެއް 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބޮޑުފިނޮޅަށް ދިޔަނަމަވެސް ފުލުހުންނަށްވެސް އެރަށަށް އެރިޔަ ނުދިނީ، އެއީ ފުލުހުންކަން ބިދޭސީންނަށް ކަށަވަރު ނުވާތީ ކަމަށް ނަޝްއާ ވިދާޅުވިއެވެ. ނަމަވެސް އެރޭގެ ދަންވަރުގެ ވަގުތެއްގައި ބަންގްލަދޭޝް އެމްބަސީން އެރަށުގައި ތިބި ބިދޭސީންނަށް ގުޅުމުން އެރަށަށް އެރޭގެ ވަގުތެއްގައި އައީ ފުލުހުން ކަމަށް ބިދޭސީންނަށް އެނގުނު ކަމަށާއި އެހާ ހިސާބުން ހަމަނުޖެހުންތައް ވަރަށް ބޮޑަށް މައިތިރިވި ކަމަށް ނަޝްއާ ވިދާޅުވިއެވެ.

ބިދޭސީންނަށް އިންޒާރުދީ ބިރުދައްކާތާ އެތައް ދުވަހެއް!

މިއަހަރުގެ މޭމަހުގެ 16 ވަނަ ދުވަހުވެސް މުސާރައިގެ ކަންތަކުގައި ބިދޭސީން ވަނީ ބޮޑުފިނޮޅުގައި އިހުތިޖާޖެއް ކޮށްފައެވެ. ސުލްހަވެރިކަމާއެކު ކުރި އެ އިހްތިޖާޖުގެ މަސްލަހަތު ނަގާލައި، އެއީ ސުލްހަވެރިކޮށް ހިނގައިދިޔަ ކަމެއް ނޫންކަމަށް ބުނެ، އެރަށުގައި މަސައްކަތްކުރި ސީލް ކުންފުނީގެ ސައިޓް ސުޕަވައިޒަރު ތުޅާދޫ ފުލުހުންނަށް އެންގުމުން ތުޅާދޫ ފުލުހުންގެ ޓީމެއްވެސް އެރަށަށް އައިސްފައިވާ ކަމަށާއި ނަމަވެސް ތުޅާދޫ ފުލުހުންވެސް ނިންމީ އެމީހުން ކުރީ ސުލްހަވެރި އިހުތިޖާޖެއްގެ ގޮތުގައި ކަމަށް ނަޝްއާ ވިދާޅުވިއެވެ. ނަމަވެސް އެކަމާ ހިތްހަމަ ނުޖެހި އޭދަފުށީ ޕޮލިހުން އެރަށަށް ގެނެސް އެއް ބިދޭސީއަކު ހައްޔަރުކުރި ކަމަށް ނަޝްއާ ވިދާޅުވިއެވެ.

"އެކަމާ ހިތްހަމަނުޖެހި މިބުނާ ސައިޓް ސުޕަވައިޒަރު މި ހެދި ގޮތަކީ އޭދަފުށީ ޕޮލިހުން ގެނެސް މިބުނީ އެތަނުން ބިދޭސީއެއް ދައްކާފަ އޭނާ ތިމަންނައާ މާރާމާރީ ހިންގިއޭ. އެހެން ބުނުމުން އެ އެއްވުމުގެ ތެރެއިން ފުލުހުން ވަނީ ބިދޭސީއަކު ހައްޔަރުކޮށް، 15 ވަރަކަށް ދުވަހު ބަންދުގައި ބަހައްޓާފަ، އެމީހާ ދޫކޮށްލީ އެއްވެސް މެޑިކަލް ރިޕޯޓަކުންވެސް މިބުނާ ސައިޓް ސުޕަވައިޒަރަށް އަނިޔާއެއް ވެފައިވާ ކަމަށް ނުފެންނާތީ" ނަޝްއާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީލް ކުންފުނީގެ ސައިޓް ސުޕަވައިޒަރު ވަނީ މުސާރަ ނުދީ ބިދޭސީން ޑީޕޯޓްކޮށްލާނެ ކަމަށް ބުނެ ބިދޭސީންނަށް އެކި ދުވަސްމަތިން ބިރު ދައްކައިފައި ކަމަށް ބިދޭސީން ބުނާކަމަށްވެސް ނަޝްއާ ވިދާޅުވިއެވެ.

ސީލްއަށް ކުރާ ތުހުމަތުތައް ސީލްއިން ދޮގުކުރޭ!

ބޮޑުފިނޮޅު މައްސަލައިގައި ބިދޭސީން ހައްޔަރުކުރުމުގައި ސީލް މޯލްޑިވްސްގެ ނުފޫޒު ވަރަށް ބޮޑަށް އޮތްކަމުގައި ބިދޭސީންގެ ފަރާތުން ވަކާލާތު ކުރާ ވަކީލުންގެ ޓީމުން ބުނެފައިވާއިރު، ބޮޑުފިނޮޅު މައްސަލައިގައި ސީލް މޯލްޑިވްސްގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލުންގެ ޓީމުގެ ހަސަން ފަލާހް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބިދޭސީން ހައްޔަރުކުރުމުގައި ސީލް ކުންފުނީގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި، އެކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަތެއް ވާ ކަމަށްވެސް ނުބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނާ ގުޅުންވެސް ހުރި މުވައްޒަފުންނެއް ނޫން އެއީ. ދެން ކީއްވެތޯ އެބޭފުޅުން ހައްޔަރުކުރަން އަޅުގަނޑުމެން ނުފޫޒެއް ފޯރުކުރަންވީ؟" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ބޮޑުފިނޮޅު މައްސަލައިގައި އެރަށުގައި ތިބި ބިދޭސީންނަކީ "އިނޮސެންޓް" ބައެއް ނޫންކަން ވީޑިއޯ ތަކުންނާއި ފޮޓޯތަކުންނާއި އަދި އެރަށުގައި އެހިނގައިދިޔަ ހާދިސާއިން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

ބޮޑުފިނޮޅު މައްސަލައިގައި ހައްޔަރުކުރި ބިދޭސީން މިހާރު ދޫނިދޫ ޖަލުގައި ތިބިއިރު، ޖަލުގައި އެމީހުންނަށް އެއްވެސް އިތުރު ތަކުލީފަކާ ކުރިމަތިލާން ނުޖެހޭ ކަމަށާއި ބަރާބަރަށް ކާންބޯންދީ އެހެން ކަންކަން ފުރިހަމަކޮށްދޭ ކަމަށް އެމީހުންގެ ވަކީލުންގެ ޓީމުން ބުނެއެވެ. އެ މީހުންގެ ބަންދު އިތުރު ކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރާގޮތަށް އޮތީ ނިންމައިފަ އެވެ. ވަކީލުން ވިދާޅުވަނީ ކުށެއް ނުކުރާ ބަޔަކު އޮޅުވައިލުމެއްގެ ތެރެއިން ހައްޔަރުކޮށް، ހައްގުތަކެއް ނިގުޅައިގަނެވިފައިވާތީ، އެ ބިދޭސީން މިނިވަންކޮށް، މިކަމުގެ އަޑީގައި ތިބި ހަގީގީ ކުށްވެރިން ހައްޔަރުކުރަން ޖެހޭ ކަމަށެވެ. ވަކީލުން ވިދާޅުވަނީ މިހާރު އަދަބު ލިބެމުން އެދަނީ އެއްވެސް ކުށެއް ނެތް މައުސޫމް ބަޔަކަށް ކަމަށެވެ.