ނުވަ މީހުންނާއެކު، މާލެއާ 17 ނޯޓިކަލް މޭލު އިރުން މަސްވެރިކަން ކުރަން ތިއްބައި މޫސުން ގޯސްވެ އަޑިޔަށް ދިޔަ ކަނޑުރޯދި-1 ދޯނީގެ ފަޅުވެރިން ސަލާމަތްތެރިކަމާ އެކު މީގެ އިރުކޮޅެއް ކުރީން ވަނީ މާލެއަށް ގެނެސްފައެވެ.

ކަނޑުރޯދި-1 އަޑިޔަށް ދިޔަ ހާދިސާ ހިނގައި ދިޔަގޮތް ދޯނީގެ ވެރިޔާ އަދި ކެޕްޓަން އަބްދުﷲ ރިފާއު ވަނީ ކިޔައި ދީފައެވެ.

ރިފާއު ބުނީ ރޭ 10:00 އެހާ އިރު އާރަށު ކަނޑާދިމާ ބޭރުގައި ދިއްލައިގެން ރެހި ޖަހައިގެން ފަތިހު ކަނދަށް އެރޭވަރަށް ނައްޓައިލީ ކަމަށެވެ. ރިފާއު ބުނީ ނައްޓައިލުމުގެ ކުރިން އާދައިގެ މަތިން މޫސުމާބެހޭ ގައުމީ އިދާރާއަށް ގުޅައި މައުލޫމާތު ސާފުކުރި ކަމަށެވެ. މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަމަށާއި ވިއްސާރަ ނަމަވެސް ވައި ހުންނާނީ 5 މޭލާއި 15 މޭލާ ދެމެދުކަމަށް މެޓުން ބުނި ކަމަށެވެ.

ފަތިހު ނިކުމެގެން ގޮސް ކ. ހުރާ ކައިރީ އޮންނަ ކަނދުފަތީ ކައިރީގައި އޮވެ މަސްބާނަން ތިއްބައި ގާތްގަނޑަކަށް 6 ޖަހާ އެހާކަންހާއިރު ވިލާގަނޑެއްގައި ޖެހުނު ކަމަށް ރިފާއު ބުންޏެވެ.

އާދަޔާ ހިލާފަށް ރާޅު އަރަން ފެށުމުން ފަޅުވެރީން ދޯނީގެ އިންޖީނު ކޮށީގެ މަތި ނަގައިގެން ބެލިއިރު މެދެއްހާ ހިސާބަށް ލޮނުގަނޑު އަރާފައިވާ ކަމަށް ރިފާއު ބުންޏެވެ. ދެން އެންމެންވެސް އަވަސްވެގަތީ އިންޖީނު ކޮށީން ފެން ހުސް ކުރުމަށް ކަމަށާއި ބާލިދީ ޖަހައިގެން ކުރި މަސައްކަތް ނާކާމިޔާބު ވެ ދޯނި އަޑިޔަށް ދާން ފެށި ކަމަށްވެސް ރިފާއު ބުންޏެވެ.

ދޯނި އަޑިޔަށް ދިއުމާއެކު 9 ފަޅުވެރިން ކަނޑުވީއެވެ. ނަމަވެސް ނަސީބު ދިމާވި ގޮތުން އެސަރަހައްދުގައި މަސްވެރިކަން ކުރަން އޮތް އެހެން ދޯންޏަކުން އެހީތެރިކަން ލިބުނުކަމަށް ރިފާއު ބުންޏެވެ. ކަނޑުރޯދި-1 އަޑިޔަށް ދިއުމުން ކަނޑުވި 9 މީހުން ސަލާމަތް ކުރީ އެސަރަހައްދުގައި އޮތް ކ. ގުޅީ ރޭސަމް ދޯނިންނެވެ. އަދި ކޯސްޓްގާޑަށް ގުޅައި ކޯސްޓު ގާޑުގެ އެހީތެރިކަން ހޯދިއެވެ.

ކޯސްޓްގާޑުގެ އެހީގައި ކަނޑުރޯދި-1 އިން ދަތުރުކުރި 9 ފަޅުވެރިން ވަނީ ސަލާމަތުން މާލެ ގެނެސްފައެވެ. އޭގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 4 ބިދޭސީންނެވެ.

ދޯނީގެ ވެރިޔާ އަދި ކެޕްޓަން އަބްދުﷲ ރިފާއު ވަނީ ދޯނި އަޑިޔަށް ދިއުމުން މިލިބުނީ ހުރިހާ ގޮތަކުން ވެސް ބޮޑު ގެއްލުމެއް ކަމުގައި ބުނެފައެވެ.

އޭނާ ބުނީ 61 ފޫޓުގެ އެދޯނި ފ. ނިލަންދޫން ގަނެގެން ދުއްވާތާ އަދި އަށް މަސް ނުވާކަމަށެވެ. ދޯނި ގަނެފައިވަނީ ހަތް ލައްކަ ރުފިޔާ އަށް ކަމަށާއި ދޯންޏަށް ދައްކަން ޖެހޭ 250،000 އެއްހާ ރުފިޔާ އަދި ނުދެއްކިވާ ކަމަށްވެސް ރިފާއު ބުންޏެވެ.

ދޯންޏަކީ އަދި އިންޝުއަރެންސް ވެސް ނުކޮށް އޮތް ދޯންޏެއް ކަން ފާހަގަކޮށް ރިފާއު ބުނީ ގާތްގަނޑަކަށް ފަސްލައްކަ ރުފިޔާގެ އަގުހުރި ސާމާނު ދޯންޏާއެކީ އަޑިޔަށް ދިޔައީ ކަމަށެވެ.