ރާއްޖެއިން 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭންޖެހޭ ގޮތަށް، އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހު ބިލުގައި ނުހިމަނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުން ނިންމަވައިފިއެވެ.
އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ފޮނުއްވީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. އެކޮމިޓީން ބިލު ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެ ބިލަށް އިތުރު އިސްލާހުތަކެއްް ގެންނެވުމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ވަނީ އަލުން އަނބުރާ ބިލު ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
އެކަމާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މަރަދު ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެބިލުގައި އިތުރު މާއްދާއެއް ހިމެނުމަށް ބޭނުންފުޅުވާތީ، އެ ރިޕޯޓާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން މަޖިލިސް ރައީސް، އެބިލު އަނބުރާ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މަޖިލިސް ރައީސް އެދިވަޑައިގެންފައިވަނީ އެ ބިލަށް 16 ވަނަ މާއްދާގެ ގޮތޮގައި މާއްދާއެއް އިތުރު ކުރެއްވުމަށް ކަމަށެވެ. އެ މާއްދާގައި ވަނީ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދެވޭނެ ހާލަތްތައްް ބަޔާންކޮށްފަ އެވެ.
އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅެ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށެވެ.
އެ މާއްދާ ބިލުގައި ހިމެނުމަށް ބަހުސް ކުރެއްވި މެންބަރުން ވަނީ 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ވިސާ ދިނުމާބެހޭ އިސްލާހަށް ވަރަށްބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.
އިސްލާހާ ދެކޮޅަށް ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން 10 އަހަރުވަންދެން ގެ ކުއްޔަށް ހިފައިގެންއުޅޭ ހުރިހާ ބަންގްލަދޭޝް މީހުން ވެސް، އޮޓަމެޓިކުން ރެޒިޑެންޓުނަށް ވެގެންދާނެ ކަމަށެވެ.
"މަޖިލީހުގެ ރިޔާތުގައި އައްސަވާދެއްވަފާނަންތޯ މީގެ މުރާދަކީ، ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ދިނުމަށް އަޅާ ބުރިޖެއްތޯ. އެހެން މިދެންނެވީ، 10 އަަހަރުވަންދެން ގެ ކުއްޔަށް ހިފައިގެން އުޅޭނެ މިކިޔާ ހުރިހާ ބަންގުލަދޭޝް މީހުން ވެސް. އެހެންވީމާ އެ އެންމެން އޮޓަމެޓިކުން ރެޒިޑެންޓުނަށް ހެދުނީނޫންތޯ، މިއޮތް ހުރިހާ ދުވަހަކު ދެކެވެނީ، ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެގެން، އެވާހަކަ ދެކެވޭއިރު މިއަދު މި ކިޔަނީ ދިވެހިރާއްޖޭގައި ކޮޓަރިއެއް ކުއްޔަށް ހިފާ މީހަކަށް ވެސް ރެޒިޑެންޝިޕް ދެވޭ ވޭހަކަ، އެއްކޮޅުން މިކިޔަނީ އެހެން ހަދައިގެންނުވާނެއޭ، އަނެއް އަތުން މިކިޔަނީ ބާރަށް ކުރިއަށް ގެންދާށޭ،" ސައީދު ވިދާޅުވި އެވެ.
އިސްލާހަށް ދެކޮޅު ހައްދަވައި ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ، މަޖިލިސް ރައީސް އިސްލާހު ހުށަހެޅުއްވި 16 ވަނަ މާއްދާގެ ހ. އާއި ށ އަށް ތާއީދުކުރި ނަމަވެސް 10 އަހަރަށް ގެ ކުއްޔަށް ހިފާ މީހުންނަށް ރެޒިޑެންޓް ވިސާ ލިބޭ މާއްދާއަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެ މާއްދާގެ ށ.ގައި ބުނާ އެއްލައްކަ ރުފިޔާއަށްވުރެބޮޑު އަދަދެއް އޮތުމުގެ ބަދަލުގައި އެ އަދަދު އެއް މިލިއަން ޑޮލަރު ކަމުގައި ހިމަނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެންބަރުންނަށް ބައެއް ކަންކަން ސާފުކޮށްދެއްވަމުން ކޮމިޓީ މުގައްރިރު ޝަރީފް ވިދާޅުވީ، އެހާ ކުޑަ އަދަދެއް އިންވެސްޓްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުން، ގަވާއިދާ ހިލާފަށް މިހާރު ވިޔަފާރިކުރާ ބިދޭސީން ވެސް ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ލިބިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް، އެމީހާ ކައިވެނިކޮށްގެން ހުންނަ މުއްދަތަށް ރެޒިޑެންސް ވިސާ ދޭން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.
ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެއިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އިންވެސްޓްކުރާ ފަރާތަކަށް ވިސާ ދޭން ޖެހޭނެ ކަމަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ޝަރީފު ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓުގެ ގާނޫނުން ލިބިފައިވާ ހުއްދައިގެ ދަށުން އިންވެސްޓްމެންޓް ކޮށްފައިވާ މުއްދަތަށް ވިސާ ލިބޭ ގޮތަށް އޮތުން މުހިންމު ކަމަށެވެ.
ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވިއިރު އެބައި އޮތީ، ސަރުކާރުން ކަނޑައަޅާ އަދަދަކަށް އަދި ކަނޑައަަޅާ އުސޫލަކުން އިންވެސްޓްކުރާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދެވޭ ގޮތަށެވެ.
ޝަރީފު ވިދާޅުވީ، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭންސީންގެ ވިސާ ހިމެނޭ ބަޔަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ފަސް ވަރަކަށް އަހަރަށް މެރިޖް ވިސާ އޮންނަން މަޖިލިސް ރައީސް ބޭނުންފުޅުވާތީ ކަމަށެވެ.
މި އިސްލާހަށް ވާހަކަ ދައްކަވަމުން، ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފު ވިދާޅުވީ، ރެޒިޑެންޓް ވިސާއަކީ ތަނެއް ކުއްޔައް ހިފައިގެން އެއްވެސް ގައުމެއްގައި ދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެ ވިސާއަކީ އެމީހާގެ ފަރާތުން އެތަނަށް އަންނަ ފައިދާއަކަށް ބިނާކޮށް ދޭ އެއްޗެއް ކަމަށާއި އެއީ އެހާ ޖެނެރަލްކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، މި ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންނާ ކައިވެނިކުރާ ބިދޭސީންގެ ބަޔާއި އިންވެސްޓް ކުރުމަށް އޮންނަ ބަޔަށް ކޮންމެ ވެސް ކަހަލަ ހައްލެއް ގެނެވިދާނެ ކަމަށާއި 10 އަހަރު ދުވަހަށް ތަނެއް ކުއްޔަށް ހިފާ މީހާއަށް ވިސާ ލިބޭ ގޮތަށް އޮތުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ.
"އުސޫލުތަކެއް ނުލާ މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ދޫކޮށްލައިފިއްޔާ މާދަމާ 100 ރުފިޔާ އަށް ވެސް ތަނެއް ކުއްޔަށް ދޫކޮށްފާނެ. ހަމަ ކުޑަ އެގްރިމެންޓް ހަދާފައި ބަހައްޓާފައި 10 އަހަރު ދުވަހަށް މީހަކަށް ދީފައި، ދެން އޭނާ ދާންވީ ވިސާއަށް އެޕްލައި ކުރަން. ފައިސާ ލިބޭތޯ ނުލިބޭތޯއެއް ވެސް ނުބަލާނެ،" ހައިތަމް ވިދާޅުވި އެވެ.
އެއްލައްކަ ރުފިޔާ އިންވެސްޓް ކުރާ ބިދޭސީންނަށް ވިސާ ދޭގޮތަށް އޮންނައިރު އެއީ މާކުޑަ އަދަދެއް ކަމަށާއި ދިވެހިންނާ ކައިވެނިކުރާ ބިދޭންސީނަށް ވިސާ ހަމަޖެއްސުމުގައި ކޮންމެ އަހަރަކު މެޑިކަލް ހަދަންޖެހޭ މައްސަލައަށް ކޮންމެވެސް ކަހަލަ ހައްލެއް ގެނެވިދާނެ ކަމަށް ވެސް ހައިތަމް ވިދާޅުވި އެވެ.
ބިލަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، 16 ވަނަ މާއްދާގައި ބުނާ ދެ ކެޓަގަރީ މިހާރު ވެސް ގާނޫނުގައި އެބައޮތް ކަމަށެވެ. އެގޮތުން ދިވެހިންނާ ކައިވެނިކުރާ ދިބޭސީންނަށް ވިސާ ދޫކުރާނެ ގޮތްތަކާއި ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ވިސާ ލިބޭނެ ގޮތް ފޮރިން އިންވެސްޓްމަންޓުގެ ގާނޫނުގައި ވަރަށް ފުރިހަމައަށް ލިޔެފައި އެބަ އޮތް ކަމަށެވެ.
އެހެންކަމުން ދެން އެކަމުގައި އުޅޭ ކުދިކުދި މައްސަލަތައް ގަވައިދަށް ގެންނަ ބަދަލުން ހައްލު ކުރެވޭނެ ކަމަށާއި ނަމަވެސް 10 އަހަރުގެ ކުއްޔެއް ހަދާ ބަޔަަކަށް ވިސާ ލިބޭ ގޮތަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނަ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ރާއްޖޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު ގެ ކުއްޔަށް ހިފާ ފަރާތްތަކަށް ރެޒިޑެންޓް ވިސާ ދޭގޮތަށް ހުށަހެޅި އިސްލާހުމ ބިލަށް ގެންނަން އެއްވެސް ބޭފުޅަކު ތާއީދު ނުކުރައްވާތީ، ކޮމިޓީގެ މެންބަރުން އެ އިސްލާހު ގަބޫލުނުކުރާ ކަމަށް ނިންމައި، ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފު ވަނީ އެ އިސްލާހުގައި ދެން އޮތް ދެ އަކުރަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް މެންބަރުން އެދިވަޑައިގެންނެވީ، އެކަންކަމުގައި ސަރުކާރުގެ ސިޔާސަތު އިތުރަށް އޮޅުން ފިލުވުމަށް ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.
އެގޮތުން އަންނަ ހޯމަ ދުވަހު، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު