ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އަށް ސިހުރު ޖެހިވަޑައިގެން، ރުގްޔާ ކުރައްވައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން އަށް ސިހުރުގެ އުނދަގޫތަކެއް ވެވަޑައިގެން ރުގްޔާ ކުރައްވާފައި ވަނީ ދާދި ފަހުންނެވެ.

"ރޭގަނޑުގެ ވަގުތުތަކުގަ އުނދަގޫތަކެއް ވަނީ. ދުވަސްތަކެއް ވާންދެން އެގޮތަށް ކޮންމެ ރެޔަކު ތަކުރާރުކޮށް އެ އުނދަގޫތައް ވާން ފެށުމުން ބެއްލެވީ. އެހާ ހިސާބުން މި އެނގުނީ ސިހުރުގެ ކަމެއްކަން." މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު ވަން އަށް ކަށަވަރު ކޮށްދެއްވިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ، ސިހުރުގެ ކަންތަކާ ގުޅިގެން ހަފުތާއެއްހާ ދުވަސް ވާންދެން ޝެއިޚް އިމްރާން ރުގްޔާ ކުރެއްވި ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށެވެ. އެފަދަ އެއްވެސް އުނދަގުލެއް މިހާރު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝެއިޚް އިމްރާން ރުގްޔާ ކުރައްވަނީ ކަމަށް ބުނާ ވީޑިއޯއެއް ސޯޝިއަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ މީހަކު އާޔަތެއް ކިޔައިދިނުމުން ޝެއިޚް އިމްރާން ވަކި އަދަދު ތަކަކަށް އެ އާޔަތް ވިދާޅުވާ މަންޒަރެވެ. އެއީ ކޮން އިރެއްގެ ވީޑިއޯއެއްތޯ އާއި އެއީ ކޮން ކަމަކާ ގުޅޭ ވީޑިއޯއެއްތޯ ގިނަ ބަޔަކު ވަނީ ސޯޝިއަލް މީޑިއާގައި ސުވާލު ކޮށްފަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.