މާލެތެރެއަށް ކޮވިޑް-19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމަށް 67 ޕަސެންޓް މީހުން ބޭނުންވި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ރާއްޖޭގައި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތައް ބެލުމަށް އެޗްޕީއޭ އާއި އެމްއެންޔޫ އިން ހަދާ ދިރާސާތަކުގެ ތެރެއިން މިއީ މިދިޔަ ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ދެވަނަ ސާވޭ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސާވޭގައި 2517 ބައިވެރިވެ، 2368 މީހުން ފުރިހަމައަށް ޖަވާބު ދީފައިވެ އެވެ.

އެ ސާވޭގައި ބުނެފައިވާ ގޮތުން، ލޮކްޑައުންއަށް ލުއި ދޭން ބޭނުންވި 67 ޕަސެންޓް މީހުންގެ ތެރެއިން 50 ޕަސެންޓް މީހުން ތާއީދު ކުރަނީ ފޭސްތަކަކަށް ބަހާލައިގެން ގައިޑްލައިން ތަކަކާއެކު ލުއި ދޭންށެވެ. އަދި ވަކި އުސޫލުތަކަކާ އެކު ލޮކްޑައުން އެއްކޮށް އުވައިލާން 15 ޕަސެންޓު މީހުން ބޭނުންވާއިރު ދެ ޕަސެންޓު މީހުން ބޭނުން ވަނީ އެއްވެސް އުސޫލެއް ނެތި އާންމު ހާލަތަށް ރުޖޫއަ ކުރުމަށެވެ. ލޮކްޑައުންގައި ބޭއްވުމަށް ތާއީދު ކުރަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 33 ޕަސެންޓް މީހުންނެވެ.

ލޮކްޑައުން އަށް ލުއިތައް ދޭން ގިނަ ބަޔަކު ތާއިދުކޮށްފައިވާއިރު، 55 ޕަސެންޓް މީހުން ބުނާ ގޮތުގައި ލުއިދޭއިރު ކޮވިޑް-19 އަށް ޓެސްޓު ކުރާ މިންވަރު އަދިވެސް އިތުރު ކުރަންޖެހެ އެވެ. އަދި ގައިޑްލައިންތަކަށް މީހުން އަމަލުކުރޭތޯ ރަނގަޅަށް ބަލަން ޖެހޭނެ ކަމަށް 51 ޕަސެންޓް މީހުން ބުނެއެވެ.

އަޅާފައިވާ ފިޔަވަޅުތަކާ މެދުގައި އާއިލާތައް ބާރުވެރިކުރުވަން ޖެހޭ ކަމަށް 45 ޕަސެންޓު މީހުން ބުނާއިރު 34 ޕަސެންޓު މީހުން ދެކޭ ގޮތުގައު ލުއިތަކާއެކު، އާންމުންނަށް ގަވާއިދުން މައުލޫމާތު ދިނުން އިތުރަށް ހަރުދަނާ ކުރަން ޖެހެ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ. އަދި އޭގެ ތެރެއިން ތިން ޕަސެންޓު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 85 ޕަސެންޓު މީހުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. އަދި 12 ޕަސެންޓު މީހުންގެ ނަތީޖާތައް އަދި ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އަތް ދޮވުމަށް ސަމާލުކަން ދޭއިރު 67 ޕަސެންޓް މީހުން އުޅެނީ މާސްކު އަޅައިގެންނެވެ. އަދި 57 ޕަސެންޓް މީހުން ގައިދުރު ކަމަށް ސަމާލުކަންދޭ ކަމަށް ދިރާސާއިން ދައްކަ އެވެ.