ޚަބަރު

ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށްފި

ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީ ތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ގެޒެޓް ކޮށްފައިވާ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އަންނަ މަހުގެ 16ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އެޖެންސީ ރަޖިސްޓްރީ ކުރަންޖެހެ އެވެ. އަދި އެ މުއްދަތަށްފަހު ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިން އެޖެންޓްކަން ކުރަންވަނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހު އެވެ. ފަސް އަހަރުގެ މުއްތަށް ދޫކުރާ އެ ލައިސަންސް އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވެނެ އެވެ. އަދި ޝިޕިން އެޖެންޓްކަން ކުރުމުގެ ހުއްދައަކަށް އަހަރަކު 100 ރުފިޔާގެ މަގުން ފީއެއް ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މި ގަވާއިދާއެކު ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ހުއްޓޭނެ އެވެ. އެގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

އޭގެ އިތުރުން ކޮންސައިނީ އަށް ޑެލިވަރީ އޯޑާ ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑާ ސީދާގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑް މިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަ ވެގެން 500 ރުފިޔާއެއް ނެގިދާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މި ގަވައިދާ ހިލާފުވާ ފަރާތްތަކުން 10،000 ރުފިޔާ އިން ޖޫރިމަނާކުރެވެ އެވެ. އަދި ގަވާއިދާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އަދި އެ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދި، އިދާރީގޮތުން ކުރާ ތަހިގީގަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިޚްތިޔާރު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިފަދަ ގަވައިދެއް ނެރެފައި މިވަނީ، ރާއްޖޭގެ ޝިޕިން އެޖެންސީ ތަކުން ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުން ދިއުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މީގެ ކުރިން ވަނީ، ރާއްޖެ މުދާ ގެންނަ ކުންފުނި ތަކުން ބޭރުގެ ބަނދަރުތަކުން ނުނެގޭ ފީތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.