ވަގުފާރީގެ ސަބަބުން މުޖުތަމައުގައި ފެތުރޭ ފާހިޝް އަމަލުތަކަކީ މުޖުތަމައު ވީނާރާކޮށް، ހަލާކު ކޮށްލަފާނެ ކަމެއް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އިންސާނީ ވަގުފާރި- ޒަމާނީ އަޅުވެރިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމީ އަހުލާގިއްޔާތާއި އިންސާނީ ކަރާމާތް މަނާކުރާ ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭ ކަމަށާއި އޭގެ ތެރޭގައި އިންސާނުން ވަގަށް ނެގުމާއި އަޅުންގެ ގޮތުގައި މިނިވަން އިންސާނުން ލައްވާ މަސައްކަތް ކުރުވުން ހިމެނޭ ކަމަށެވެ. އަދި ހަށި ވިއްކުމުގެ ހަރާމް ވިޔަފާރި އާއި ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމާއި މީހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭންޖެހޭ އުޖޫރަ ނުދިނުން ފަދަ ލާއިންސާނީ އަމަލުތައް ވެސް ހިމެނޭ ކަމަށް ބުންޏެވެ.
އިންސާނުންގެ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު އިޖްތިމާއީ ބޮޑު މުސީބާތްތަކަކާ ކުރިމަތި ވެފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެކަމުގެ ސަބަބުން އެތައް އިންސާނުންނެއް އަނިޔާ ލިބި އަބާއްޖަވެރިވެފައިވާ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ، ތަފާތު އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެސް، އެމީސް މީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންގެ އިންސާނީ ހައްގުތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށާއި އެމީހުންނަށް ކާންބޯން ދިނުމާއި ނިދުމާއި ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އަދި ރިވެތި ގޮތުގައި އެ މީހުންނާ މުއާމަލާތްކޮށް، އެމީހުންނަށް މުސާރަ ދިނުމަކީ ވެސް އެމީހުން ގެނައި ބަޔެއްގެ ޒިންމާއެއް ކަން ހަނދާންކޮށްދީ ހުތުބާގައި ވަނީ އެ އަސާސީ ހައްގުތައް އަދާކުރުމަކީ ދީނީ އަދި ދުންޔަވީ ވާޖިބެއް ކަމަށް ބުނެފައެވެ.
ހުތުބާގައި ބުނީ، އިސްލާމް ދީނުގެ އުސޫލުތަކަށް ބަލާއިރު އިންސާނާގެ ކަރާމާތާއި އިންސާނިއްޔަތާ ފުށުއަރާ އެންމެހައި އަމަލުތަކަކީ އިސްލާމްދީން މަނާ ކުރާ ކަންތައްތަކެއް ކަމަށެވެ. އަދި ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންނާމެދު އިހުމާލުވެ، އެ މީހުންގެ ހައްގުތައް ނުދޭނަމަ އެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އަދި ހަމަނުޖެހުން ހިންގައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، އިސްލާމްދީނަކީ ދުންޔަވީ މިފަދަ ކޮންމެ ކަމެއްގައި އަދުލުވެރިވުމަށާއި އިހްސާންތެރިވުމުގެ މަތިވެރި އުސޫލުގައި ހިފެހެއްޓުމަށް ގޮވާލާ ދީނެއް ކަމަށެވެ. އަދި ވަގުފާރީގެ ސަބަބުން މުޖުތަމައުގައި ފެތުރޭ ފާހިޝް އަމަލުތަކަކީ މުޖުތަމައު ވީނާރާކޮށް، ހަލާކު ކޮށްލަފާނެ ކަމެއް ކަމަށާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެން ގޮސްފައިވަނީ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އުއްމަތްތައް ހަލާކުވެ، ފަނާވެގެން ގޮސްފައިވަނީ އެބައިމީހުން ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ވެއްޓި އެބައިމީހުންގެ ލަގަން ޝަހްވަތްތަކަށް ދޫކޮށްލުމުން ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު