ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެ ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ 14 މަހުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު، އަލީ ނަޝީދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މަސް ފެންގަނޑަކަށް ވެއްޓި ހާލު ދެރަވެގެން 14 މަހުގެ ފިރިހެން ކުއްޖަކު މިއަދު ހަވީރު 5:15 ހާއިރު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އެކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ވެންޓިލޭޓަރުގެ އެހީގައި އެކުއްޖާއަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލަށް ގެނައިއިރުވެސް އެކުއްޖާ އޮތީ ހޭނެތިފައި ކަމަށާއި އަދިވެސް ހޭއަރާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުއްޖާގެ ހާލު ދެރަ. އަދިވެސް ވެންޓިލޭޓަރުގައި ފަރުވާ މިދެނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެކުއްޖާގެ ހާލު އިތުރަށް ގޯސްވާތީ، ޗާޓަރު ފްލައިޓެއްގައި އެކުއްޖާ މާލެ ގެންދިއުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރޭ 1:30 ހާއިރު ގަމުން މާލެ ދިއުމަށް އެ ފްލައިޓު ފުރަން ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެކުރިން ވެސް ގަމުގައި ވަނީ އެފަދަ ހާދިސާއެއް ހިނގައިފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހޭނެތުނެވެ. ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު