އާއްމު ހިދުމަތްތަކާއި ހިންގަމުންދާ މަޝްރޫއުތަކުގެ މަސައްކަތައްކުރުމަށް މާލެ އިން ރަށްރަށަށްދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސައިފިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރަން މިދިޔަ އޭޕްރީލް 15 އިން ފެށިގެން ތިން މަހެއްހާ ދުވަހަށް މާލެ ލޮކްޑައުން ކުރި ފަހުން، މާލެ އިން އެހެން ރަށްރަަށަށް ދަތުރުކުރުން ފުރަތަމަ އޮތީ މަނާކޮށްފައެވެ. އޭގެ ފަހުން ހުއްދަ ދިނީ 14 ދުވަހަށް ކަރަންޓީން ވާ ގޮތަށް ރަށްރަށަށް ދަތުރުކުރުމަށެވެ.

ނަމަވެސް އެޗްޕީއޭއިން އިއްޔެ ނެރުނު އުސޫލުގައިވާ ގޮތުން މައިގަނޑު ހަތް ދާއިރާއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބަލި އޮތް ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވިދާނެއެވެ. ނަމަވެސް އެގޮތަށް ދަތުރުކުރާއިރުވެސް ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އަދި އެކަމުގެ މައުލޫމާތު އެރަށެއްގެ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެއެވެ.

  • ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް
  • ބޭންކްގެ ހިދުމަތްތައް
  • ވޯޓާ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ހިދުމަތްތައް
  • ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭން ޖެހޭ ހިދުމަތްތައް
  • މެއިންޓަނެންސް މަސައްކަތްތައް
  • ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް
  • ހިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް

މި މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް އެގޮތަށް ކުރާ ދަތުރުތަކުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތަކެއް އެޗްޕީއޭގެ އުސޫލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ދަތުރުކުރާ މީހުން އުޅެން ޖެހޭނީ އެމީހަކު ކުރަން ދިޔަ މަސައްކަތަށް ހާއްސަ ވެފައިވާ ތަނުގައި ކަމަށްވާއިރު ޒަރޫރީ ހާލަތެއްގައި ނޫނީ ރަށުގެ އެހެން ތަންތަނަށް ދިއުން މަނާވާނެކަމަށް އުސޫލުގައިވެއެވެ. އަދި ރަށަކަށް ދަތުރުކުރާއިރު ދަތުރުކުރުމުގެ ހުއްދަ ގެންދަން ޖެހޭނެއެވެ.

މީގެ އިތުރުން މިގޮތަށް މަސައްކަތެއް ކުރުމަށް ބަޔަކު ރަށަކަށް ފޮނުވާނަމަ އެ ބަޔަކު ފޮނުވާ މުއައްސަސާ ނުވަތަ ކުންފުނިން އެ ބަޔަކަށް އެ ރަށުގެ އެހެން މީހުންނާ ވަކިން ދިރިއުޅެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ. އަދި ފޮނުވާ މީހުންނަކީ ކޮވިޑް ޖެހިފައިވާ މީހެއްގެ ކޮންޓެކްޓެއް ނޫންކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި ކޮވިޑުގެ ސާމްޕަލެއް ނެގި، ނަތީޖާ ނުލިބި އޮތް މީހެއް ނޫންކަންވެސް ކަށަވަރު ކުރަން ޖެހޭނެ ކަމުގައި އެ އުސޫލުގައިވެއެވެ. އެ ރަށަކަށް ދާ މަސައްކަތެއް ނިމުމާއެކު ރަށުން އަވަހަށް ފައިބަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.