އަވަށްޓެރި ސްރީލަންކާގައި ކޮވިޑްގެ އިތުރު ކޭސްތައް ފެންނަން ފަށައި އެގައުމަށް ދެވަނަ ރާޅު އަރައިފި ކަމުގެ ވާހަކަތައް ފެތުރެން ފަށާފައިވާއިރު މިފަހުން ކޮވިޑް ފެތުރެން ފަށާފައިވާ ކްލަސްޓާ ތަކާއި ގުޅޭކަމަށް ލަންކާ ސަރުކާރުން ތުހުމަތު ކުރަނީ "ޕޭޝަންޓް 206" އެވެ.
ލަންކާއިން 2600 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ އިރު ދެބައިކުޅަ އެއްބައި ގުޅިފައިވަނީ "ޕޭޝަންޓް 206" އާ ކަމަށް ސަރުކާރުން ބުނެއެވެ.
ލަންކާގެ ކޮވިޑް ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން އަށް އެގައުމުގެ އިންޓެލިޖެންސް ސާވިސްގައި ހެލްތު ޔުނިޓެއް ގާއިމްކޮށް އެކަމުގެ ޕްރޮފެޝަނަލް ޓީމަކުން ކޮންޓެކްޓްރޭސިންގެ ކަންކަން ބަލަމުންދެއެވެ. "ޕޭޝަންޓް 206"ގެ ހަގީގަތް ވެސް ހޯދައިފައިވަނީ މިޓީމުންނެވެ.
އޮފިޝަލުން ބުނެފައިވަނީ ޕްރަސާދް ދިނޭޝް ނަމަކަށް ކިޔާ މިމީހާ ފުރަތަމަ އަތުލައިގަނެފައިވަނީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު އޭނާގެ އަވަށުން ވައްކަން ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އެއަވަށުގެ ފުލުހުން އޭނާ ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރިއިރު އޭނާއަށް ވަނީ ޒަހަމްތަކެއް ވެފައެވެ. އެއާއެކު ދިނޭޝް އަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ފެށިއެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ކަން ހާމަވިއެވެ. ދިނޭޝް އަށް ވަނީ ހޮސްޕިޓަލުގައި 31 ދުވަސް ވަންދެން ފަރުވާ ދީފައެވެ.
ދިނޭޝް ޕޮޒިޓިވް ވުމާއެކު ފުލުހުންނާއި އޭނާގެ އަވަށުން 100 އަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރަން ޖެހުނެވެ. އަވަށުގެ ގިނަ ބަޔަކު ބިރުވެރިކަމުގެ ތެރެޔަށް ވެއްޓި ގިނަ ހާދިސާ ތަކެއްވެސް ވަނީ ހިނގައިފައެވެ. އެގޮތުން އެއްބަޔަކު ގަސްގަހަށް އަރައި އަނެއް ބަޔަކު ކަރަންޓީނު ފެސިލިޓީތަކުން ފިލައިގެންގޮސް ކޯރުތަކުން ފެންވެރިކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.
ދިނޭޝްގެ އަވަށުގެ ހާލު ގޯސްވެ އެގައުމުގެ އާމީންނާއި ކަނޑުގެ ސިފައިންގެ ޓީމެއް ވަނީ ފޮނުވައިފައެވެ. ކަރަންޓީނާ ހިލާފުވި 28 މީހުން ފަހުން ވަނީ އަނެއްކާވެސް ކަރަންޓީނަށް ފޮނުވައިފައެވެ. އޭގެތެރެއިން 16 މީހުން ޕޮޒިޓިވް ވި ކަމަށް ޓާސްކު ފޯސް އިން ބުނެއެވެ.
ލަންކާގެ ކޮވިޑް ޓާސްކްފޯސް މެންބަރު ޖަޔާނަތު ކޮލަންބަގެ ވަނީ އެ އަވަށުގައި ހިންގި އޮޕަރޭޝަނަށްފަހު ދެހަފުތާ ފަހުން އޮޕަރޭޝަންގައި ބައިވެރިވި ކަނޑުގެ ބައެއް ސިފައިން ވެސް ކޮވިޑް އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ.
ލަންކާގައި ވައިރަސް ބޮޑަށް ފެތުރެން ފެށުމާއެކު މިލިޓަރީގެ ހުރިހާ ސިފައިން ވަނީ ހާއްސަ ކޭމްޕަކަށް ގެންގޮސް ކަރަންޓީނު ކޮށްފައެވެ. އޭގެތެރޭގައި ކަނޑުގެ ސިފައިންގެ 4000 ސިފައިން ކޭމްޕުގައި ކަރަންޓީނު ކުރިއެވެ. މީގެެ އިތުރުން އާމީއަށް ނިސްބަތް ވާ އާއިލާތަކުގެ 200 އެއްހާ މީހުން ކަރަންޓީނު ކުރިކަކަށް މައުލޫމާތު ލިބެއެވެ. ކަރަންޓީނު ކުރި ކަނޑުގެ ސިފައިންގެ ތެރެއިން 900 މީހުން ޕޮޒިޓިވް ވެފައި ވާއިރު މި ކްލަސްޓާއާ ގުޅޭ އިތުރު 50 މީހަކުވެސް ޕޮޒިޓިވް ވެފައި ވެއެވެ.
މީގެ އިތުރުން މިހާދިސާތަކާއި ގުޅިގެން އިތުރު ދެ ކްލަސްޓާއެއް އުފެދިފައިވާ ކަމަށް ޓާސްކުފޯސް މެންބަރު ވަނީ ބުނެފައެވެ. މި ކްލަސްޓާ ތަކުގައި 150 އަށްވުރެ ގިނަ ކޮވިޑް ކޭސްތައް ފާހަގަ ކުރެވިފައި ވެއެވެ.
ދިނޭޝްގެ ސަބަބުން ލަންކާގައި ތިން ކްލަސްޓާއެއް އުފެދި ހާހަކަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހަނާ ވަނީ ގައުމަށް މި ލިބުނު އެންމެ ބޮޑު ގެއްލުމުގެ ފަހަތުގައި ވަނީ ދިނޭޝް ކަން ފާހަގަކޮށްފައެވެ.
އެސޯޝިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ދިނޭޝް ވަނީ މިހާ ގިނަ މީހުނަށް ކޮވިޑް ޖެހުމުގެ ޒިންމާ އޭނާ ނުނަގާނެ ކަމަށް ބުނެފައެވެ. އޭނާވަނީ އޭނާގެ އަވަށުން އޭނާ ބާކީ ކޮށްފައިވާ ކަމަށާއި އެއްވެސް ވަޒީފާއެއް "ޕޭޝަންޓް 206" ވީމާ ނުލިބޭ ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ