ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ އިއްޔެއެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 50 ވަނަ ބައްދަލްވުމުގައި ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލައިގައި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބާތިލު ކުރިއިރު، އެ މައްސަލަތައް ބާތިލު ކުރި ސަބަބެއް ކަމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލައިގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމެވެ. ނަމަވެސް އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގައެވެ. އަދި އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެއެވެ.
އިއްޔެ ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ވެސް އަދި އެ ގަބޫލު ނުކުރާ ކަމަށް ވެސް އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.
ޝަމީމު ވިދާޅުވީ، ފަނޑިޔާރު ރިއާޔަތް ކުރަންވާނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށާއި ދެ ފަރާތުން ދައްކާ ވާހަކަަތަކެއްގެ މައްޗަށް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަދީބުގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި އެއްބަސްވުންތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އަދި އޭނާ ފުރަތަމަ ހައްޔަރުކުރި ދުވަހުގެ އެއްވެސް ލިޔުމެއް ދައުލަތުން ކޯޓަކަށް ހުށަހަޅާފައެއް ނުވާއިރު ވެސް މިއަދު ކުރެއްވި ހުކުމުގައި ހައްޔަރުކުރި ދުވަހާއި ސަބަބާއި ތުހުމަތު ކުރެވުނު ދުވަސް ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ދައުލަތާއި އަދީބާ ދެމެދު އެއްބަސްވުމެއް ހަދާފައިވަނީ އަދީބަށް މަޖުބޫރުކޮށް ޓޯޗާ ކޮށްގެން ކަމަށް ފަނޑިޔާރު ކަނޑައަޅުއްވާފައިވާތީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަން ގާޒީ ވެސް ގަބޫލުކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމިއިރު، ދައުލަތުން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް، ބޭރުކޮށްލި މައްސަލައިގައި، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށާއި އަދީބުގެ ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު