އެމެރިކާގެ ފުރަތަމަ ކޮވިޑް ވެކްސިންގެ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

އެމެރިކާގެ ބަޔޯޓެކް ފާމް އިން އުފައްދާފައިވާ ކޮވިޑް19 ގެ ޓެސްޓުތަކުން ވަނީ ވެކްސިންގެ ރައްކާތެރިކަމުގެ އިތުރުން ވެކްސިންގެ ސަބަބުން ބަލިން އިމިއުންވާ ރޭޓް މަތިކަމަށް ދައްކައިފައެވެ.

މިވެކްސިން ޓެސްޓު ކުރުމަށް އިންސާނުންގެ ގަޔަށް ޖަހަން ހުއްދަ ދިނުމާއެކު 45 ވޮލެންޓިއަރުން ބޭނުންކޮށްގެން ވަނީ ވެކްސިން ޓެސްޓު ކޮށްފައެވެ.

ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވާ ޓީމުން ވަނީ ވޮލެންޓިއަރުންގެ ތެރެއިން ވެކްސިން ގެ ދެ ޑޯޒް ދިން މީހުންގެ ހަށިގަނޑުން ވައިރަސް މަރާ އެންޓި ބޮޑީ ހުރި މިންވަރު މަތިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ.

މިޓީމުން ކުރި ޓެސްޓުތަކުން ދައްކާގޮތުން ވައިރަސް ޖެހި ރަނގަޅު ވެފައިވާ މީހުންގެ ހަށިގަނޑުން އެންޓިބޮޑީ އުފައްދާ މިންވަރަށް ވުރެން މަތި މިންވަރަކަށް ވެކްސިންގެ ސަބަބުން އެންޓިބޮޑީ އުފައްދައިދެއެވެ.

ވޮލެންޓިއަރުންގެ ތެރެއިން ބައެއް މީހުންނަށް ވެކްސިންގެ ސަބަބުން ސައިޑް އިފެކްޓްސް ކުރިމަތި ވެފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންނަށް ބޯއެނބުރުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމުގެ އިތުރުން ވެކްސިންގެ އިންޖެކްޝަން ޖެހި ތަނުގައި ރިއްސުން ފާހަގަ ވެފައި ވެއެވެ. ވެކްސިން ޓީމުން ވަނީ ދެވަނަ ޑޯސްގެ ބާރުގަދަކަމުން މިފަދަ ކަންކަން މެދުވެރިވެދާނެކަމަށް ބުނެފައެވެ.