ޅ. ނައިފަރު

ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ އެއްބަސްވުން އުވާލީ ކުރިޔަށް ދެވޭނެ ގޮތެއް ނެތިގެން: މިނިސްޓަރު

އިބްރާހިމް ޒަކީ

ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން އުވާލީ، އެނޫން ގޮތަކަށް މަސައްކަތް އިތުރަށް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތިގެން ކަމަށް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުން އުވައިލި މައްސަލައިގައި އެ ދާއިރާގެ މެންބަރު، އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އިންޑިޔާގެ ލަކީ އެކްސްޕޯޓާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަސައްކަތުގެ އެގްރިމެންޓް ބާތިލްކުރީ މަސައްކަތްލަސްވެސް، އަވަސްކުރަން ދިން އެތައް ފުރުސަތަކަށްފަހުގައި ކަމަށެވެ.

އެގްރިމެންޓް ބާތިލް ކުރީ އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އެނޫންގޮތެއް ނެތިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނުނިމިހުރި މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރުމަށް ނިންމައިފިއެވެ. މިނިސްޓްރީ އޮފް ޕްލޭނިންގއިން މިމަސައްކަތް އެކުންފުންޏާ ޙަވާލުކުރުމަށް ނިންމާފައިމިވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ލަސްވަމުންދާތީ 3 ފަހަރެއްގެ މަތިން އިތުރަށް ވަގުތު ދިންކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރި މުއްދަތު 279 ދުވަސް އިތުރުކޮށްދިން ކަމަށްވެސް ވިދާޅުވިއެވެ.

މުއްދަތު އިތުރުކޮށްގެންވެސް މަސައްކަތްއަވަސް ނުވެ ލަސްވަމުންދާތީ ރަސްމީކޮށް ލިޔެކިޔުމުން، 22 ފަހަރު ބައްދަލުވުންތަކުގައި އެކަންތައް އެ ފަރާތުގެ ސަމާލުކަމަށް ގެނައިނަމަވެސް މަސަައްކަތް އަވަސްނުވިކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އެއްބަސްްވުން ބާތިލް ކުރީރު 78 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓަކީ 2017 ވަނަ އަހަރުގެ ޖޫން 17 ގައި 550 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރި މަސައްކަތެއް ކަމަށާއި، ހުސްވި 2019 ވަނަ އަހަރުގެ ޖެނުއަރީ 3 އަށް އެ މަސައްކަތް ނިންމަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

އެއީ އަިޑީބީ އާއި އޮފިޑުގެ ފަންޑުން ފައިނޭންސް ކުރާ ޕްރޮޖެކްޓެއްކަމަށާއި އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރުމާ ބެހޭގޮތުން އެ ފަރާތްތަކާ ވާހަކަދައްކައި އެއްބަސް ވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.