ހުޅުމާލޭ ފެސިލިޓީގައި ނުފުރި ބާކީ ހުރީ 30 ވަރަކަށް އެނދު ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އިސްމާއިލް ވިދާޅުވީ، ކޮވިޑާ ގުޅިގެން ހުޅުމާލޭގައި ގާއިމު ކުރި މެޑިކަލް ފެސިލިޓީގައި މިހާރު ނުފުރި ހުރީ ގާތްގަނޑަކަށް 30 އެނދު ކަމަށާއި އެހެން ހުރިހާ އެނދެއް ފުރިފައިވާ ކަމަށެވެ.

"މިހާރު ނުފުރި ހުރީ ގާތްގަނޑަކަށް 30 އެނދު،" ޑރ. އިސްމާއިލް ވިދާޅުވިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ 300 އެއްހާ އެނދުގެ ފެސިލިޓީއެކެވެ. މާލޭ ސަހަރައްދުން ކޮވިޑަށް ޕޮޒިޓިވްވާ އެންމެންނަށް ފަރުވާ ދެމުން އަންނަނީ އެ ފެސިލިޓީގައެވެ.

މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހުޅުމާލޭ މެޑިކަލް ފެސިލިޓީ ފުރެން ގާތްވެފައިވާ އިރު، އެ ފެސިލިޓީގެ ޖާގަ ފުރުމުގެ ކުރިން އެހެން ގޮތްތައް ސަރުކާރުން ހޯދާނެ ކަމަށްވެސް ޑރ. އިސްމާއިލް ވިދާޅުވިއެވެ.

"މިހާރު އެހުރި އެނދުތަކަށް ބަލާއިރު އަދި ކުޑަ ދުވަސްކޮޅަކަށް މެނޭޖުކޮށްލެވޭނެ،" ޑރ. އިސްމާއިލް ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޭސްތައް އިތުރުވާނަމަ ޕޮޒިޓިވްވާ މީހުން ހޯމް ކަރަންޓީންވެސް ކުރަން ޖެހިދާނެ ކަމަށެވެ.