މުސާރަ ނުދިނުމާ ގުޅިގެން އިއްޔެ ހުޅުމާލޭގައި ބިދޭސީ މުވައްޒަފުންތަކެއް ކުރި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގި 41 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މުސާރަ ނުދިނުމާ ގުޅިގެން ހުޅުމާލޭގައި އިއްޔެ މުޒާހަރާކޮށްފައިވަނީ ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެކެވެ.
މި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގައި، ބައެއް ފުލުހުންނަށް އަނިޔާވެ ރައްޔިތުންނާއި ފުލުހުންގެ ވެހިކަލްތަކަށް ވަނީ ގެއްލުންދީފައެވެ.
ފުލުހުން ބުނެފައިވަނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމަނުޖެހުން ހިންގި 41 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މުސާރަ ނުދޭތީ އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން މުޒާހަރާ ކުރިއިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަވެސް ނުދޭތާ އެތައް މަހެއްވެފައިވާކަމަށް ބުނެ އެރަށުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީން ވަނީ ބައެއް ދިވެހީން ރަހީނުކޮށް އެރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއްދީ ހަމަނުޖެހުން ހިންގައިފައެވެ. ހަމަނުޖެހުން ހިންގި ބިދޭސީން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު