ޚަބަރު

ކާނިވާ ނޫން ތަނެއްގައި އެއްވުމެއް ބޭއްވޭނީ ފުލުހުން ލިޔުމުންދޭ ހުއްދައަކާ އެކު: ހޯމް މިނިސްޓްރީ

މަރިޔަމް ޝަހުދާ

ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އިތުރު އެއްވެސް ސަރަހަައްދެއްގައި އެއްވުމެއް ނުވަތަ ހިނގައިލުމެއް އަދި އުޅަނދުބުރެއް ވެސް ބޭއްވޭނީ ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ 31 އޮގަސްޓް 2016ގައި މިނިސްޓްރީން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިކަން އޭރު އިއުލާނަކުން އާންމު ކޮށްފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ މިކަމަށް އެންމެން ސަމާލުކަން ދިނުމަށް ގޮވާލައިފައެވެ. ހޯމް މިނިސްޓްރީގެ މި އިއުލާނަކީ ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދާ ރެލީ އަދި މުޒާހަރާތަކާ ގުޅިގެން އާންމު ކޮށްފައިވާ އިއުލާނެކެވެ.

ލޮކްޑައުންއަށް ދިން ލުއި ތަކާއެކު، މާލޭގައި އެކި މައްސަލަތަކާއި ގުޅިގެން މުޒާހަރާ ކޮށްފައި ވެއެވެ. އެގޮތުން މިދިޔަ މަހު ރައްޔިތުން މަޖިލިސް ކުރިމަތީ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކަށް އިސްކަން ނުދީ ބޭކާރު ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވެއެވެ. ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބޮޑު ވުމާ ގުޅިގެން މާލޭގައި ސިލްސިލާ ގޮތެއްގައި އެކި މުޒާހަރާތައް ވަނީ ބާއްވައިފައެވެ.