އުރީދޫ ގްރޫޕުގެ މުވައްޒަފުންގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ހުރިހާ މުވައްޒަފުން ވެސް މިއަހަރު ނިމެންދެން މަސައްކަތް ކުރާނީ ގެއިން ކަމަށް އުރީދޫ ގްރޫޕުން ބުނެފިއެވެ.
އުރީދޫ ގްރޫޕުން މިކަން އާންމު ކޮށްފައިވަނީ ގަތަރުގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުން އާދިއްތަ ދުވަހު އާންމު ކުރި ބަޔާނެއްގައެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތް ކުރުމަށް ކޮންމެހެން އޮފީހަށް ދާން ނުޖެހޭ ހުރިހާ މުވައްޒަފުންނަށް މިއަހަރު ނިމެންދެން ގެއިން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި އުރީދޫ ގްރޫޕަކީ މުޅި ސަރަހައްދުންވެސް އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ކުންފުނިކަން މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންގޮޅުތަކުގައި ހުރި އުރީދޫގެ ކުންފުނިތަކުން މަސައްކަތް ކުރާނީ، އެ ކުންފުންޏަކަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށް އުރީދޫ ގްރޫޕުގެ މި ބަޔާނުގައި ބުނެފައި ވެއެވެ. އެ ކުންފުނިތަކުން މަސައްކަތް ކުރާނީ އެ ކުންފުންޏެއް ގާއިމުކޮށްފައިވާ ގައުމަކުން ކަނޑައަޅާފައިވާ ގައިޑްލައިނުތަކާއި ގަވައިދުތަކާއި އެއްގޮތުގެ މަތީން ކަމަށް މި ބަޔާނުގައި ބުނެފައިި ވެއެވެ.
އުރީދޫ ގްރޫޕުގެ މި ނިންމުމަކީ ކޮވިޑް 19 އާއި ގުޅިގެން އެ ކުންފުނިން ނިންމާފައިވާ ނިންމުމެކެވެ. އަދި މި ދަނޑިވަޅުގައިވެސް އެ ކުންފުނިން މަސައްކަތް ކުރީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، ފަސޭހަކަމާއެކު ގެއިން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ކަމަށް އުރީދޫން ބުނެއެވެ. މަޑުމަޑުން ކަންކަން ނިއު ނޯމަލްއަކަށް ދާއިރު އުރީދޫ ގްރޫޕުގެ ކުންފުނިތަކުން މަސައްކަތް ކުރާނީ މަސައްކަތުގެ މާހައުލުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ވެސް އުރީދޫގެ މި ބަޔާނުގައި ބުނެފައިވެއެވެ.
މިއަހަރުގެ މާޗް މަހުން ފެށިގެން އުރީދޫގެ ހާހަކަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ގެއިން މަސައްކަތް ކުރަމުން ކަމަށާއި ކޮވިޑް 19އާއި ގުޅިގެން ހުރި ދަތިތަކާއެކު، އިތުރު އާ ގޮތްތަކާއެކު މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި