ރައްޔިތުންގެ މަޖިލިސް

ގަޑިޖެހޭ މަޖިލިސް މެންބަރުންގެ މުސާރަ ކަނޑާގޮތް ހަދަނީ

އިބްރާހިމް ޒަކީ

2

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ބަލައި، މުސާރަ އާއި އިނާޔަތްތައް ދިނުމުގައި އެ ރެކޯޑް ބަލަހައްޓާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާއިރު ވަޑައިގަންނަވާ މެންބަރުން މަދުކަން ފާހަގަ ކުރައްވައި، މަޖިލިސް ރައީސް ވަނީ ގަޑި ޖެހޭ މެންބަރުންގެ މުސާރައިން ކެނޑޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން މަޖިލީހުގެ އާއްމު ކޮމިޓީއާއި ގަވައިދު ކޮމިޓީގައި އެދިވައިޑައިގެންފައެވެ.

އެގޮތުން މަޖިލިސް މެންބަރުން ޖަލްސާތަކަށް ވަޑައިގެން ހާޒިރީގައި ސޮއިކުރައްވާއިރު، ހާޒިރުވެވަޑައިގަންނެވި ގަޑި ނޯޓް ކުރެވޭނެ ބައެއް ހާޒިރީއަށް އިތުރު ކުރައްވައި އެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެމަނިކުފާނު ވަނީ ކޮމިޓީގެ ކިބައިން އެދިވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވުމަށް ކުޑަ ވަގުތުކޮޅެއް ލަސްވެގެން ދިއުމުން، މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ މަސައްކަތް ކުރިޔަށްދާނީ މެންބަރުން ގަޑިއަށް ހާޒިރުވެވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމުން ކަމަށެވެ. މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ ގަޑި އާއި މުސާރައާ ގުޅުން އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރުން ގަޑިޔަށް މަޖިލީހަށް ވަޑައިގަންނަވަން ޖެހޭކަން މަޖިލީހުގެ ގަވާއިދުން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، މަޖިލިސް މެންބަރުން ހުވައި ކުރައްވައިގެންވެސް ތިއްބެވީ އެގޮތަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ގަވާއިދު ކޮމިޓީގައި އަޅުގަނޑު އެދެން މަޖިލީހުގެ ގަވާއިދަށް ކުޑަ ބަދަލެއް ގެނެސްދެއްވުމަށް. މަޖިލިސްގެ މަސައްކަތް ފަށާ ގަޑިއަކީ ހެދުނު 8:30. ޖަލްސާ ގަޑިއަކީ 9:00. އިއްޒަތްތެރި މެންބަރުން މަޖިލީހަށް ވަޑައިގެން ގަޑި ޖެއްސެވުން އެއީ ކުރަން ޖެހިފައިވާ ކަމެއް. މިހާރު ވަޑައިގެން ސޮއިކުރައްވާގޮތަށް، ހާޒިރީގައި އެއް ކޮލަމް އަޅުގަނޑު އިތުރުކޮށްދޭނަން ގަޑި ޖެއްސެވުމަށް. އަޅުގަނޑު ދެކޭ ގޮތުގައި މުސާރައާއި، ގަޑިއާއި ގުޅުން އޮންނާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.