ޓުއަރިޒަމް

އިންޑިއާގެ ބޯޑަރު ނުހުޅުވިޔަސް އެގައުމުގެ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުރަން ހުއްދަ ދޭނެ: އިންޑިއާ މީޑިއާ

އަލީ ޔާމިން

1

އިންޑިއާގެ ބޯޑަރު ނުހުޅުވިޔަސް އެގައުމުގެ ފަތުރުވެރިންނަށް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވި ފަހުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ވަރުގަދަވެފައެވެ. އެގޮތުން ކޮވިޑާ ގުޅިގެންނާއި އެހެނިހެން ކަންކަމުގައިވެސް އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާގެ ބޯޑަރުތައް ނުހުޅުވިޔަސް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ އެގައުމުގެ ފަތުރުވެރިންނަށް ދޭނެއެވެ. އެގޮތުން އިންޑިއާއިން ހޮވާލެވޭ ބައެއް އެއާޕޯޓުތަކުން ލިމިޓެޑް އަދަދެއްގެ ފްލައިޓުތަކަށް ރާއްޖެ އައުމަށް ހުއްދަ ދެވިގެންދާނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ބޯޑަރުތައް ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު އިންޑިއާއަކީ ރާއްޖެއަށް މުހިންމު މަންޒިލަކަށް ވާނެއެވެ. އެއީ އެގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާތީއެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެގައުމުގެ 1,66,000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ކޮވިޑް 19ގެ ހަލުވިކަމާއެކު ފެތުރޭތީ އިންޑިއާގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެގައުމުގެ ބޯޑަރު ރަސްމީކޮށް ހުޅުވާލާނެ ތާރީހެއް އެގައުމުގެ ސަރުކާރުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.