ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މާލީ ބަޔާނުގައި އަމިއްލަ ވިޔަފާރީގެ މައުލޫމާތު ހިމަނާފައިނުވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މައްސަލަ ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ބާރީ ވިޔަފާރިކުރުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެ ވިޔަފާރިން މަންފާ ލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައިނުވާ ކަމުގެ މައްސަލައެއް ތަހުގީގުކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ބުނާގޮތުން ފަނޑިޔާރުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް (އިލްމީ މަސައްކަތްތައް ފިޔަވައި)، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާނުކުރެވޭނެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި، މިދިޔަ އަހަރުގެ ތެރޭގައި ޖޭއެސްސީން ވަނީ ބާރީ ސަސްޕެންޑު ވެސް ކޮށްފައެވެ.

އޭރު ޖޭއެސްސީން ބުނެފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ގާޒީ ބާރީގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭ ވަރަށް މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. ފުލުހުންގެ އެ ތަހުގީގާއެކު ޖޭއެސްސީން ވަނީ ބާރީގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، އޭނާ ސަސްޕެންޑުކޮށްފައެވެ.