އަވައްޓެރި އިންޑިއާއިން ރާއްޖޭގެ 61 ރަށަކަށް އައުޓްޑޯ ޖިމް ސާމާނު ހަދިޔާކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ސަންޖޭ ސުދީރުއެވެ. އަދި މި ތަކެއްޗާ ހަވާލުވެލެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރު އަހްމަދު މަހުލޫފެވެ.
ރައީސް އިބްރާހިމް މުުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދު ކަމަށްވާ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތެއް ބިނާކުރުމަށް ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން އެހީތެރިވުމަށް، އިންޑިއާ އިން މިއަދު ހަވާލު ކުރި އަށް މިލިއަން ރުފިޔާގެ ތަކެތި ގެނެސްފައިވަނީ ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަބަދުވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ ގައުމެއް ކަމަށެވެ. އަދި އެކަން ފަހިކޮށްދިނުމުގައި އިންޑިއާގެ ސަފީރުގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެކަމަށްޓަކައި ހައި ކޮމިޝަނަރު ސަންޖޭ ސުދީރު އަދި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގިފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރަށްރަށުގައި އިޖުތިމާއީ ގުޅުން ވަރުގަދަކޮށް ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން ބުނީ އައުޓްޑޯ ޖިމް ސާމާނު ލިބޭ ރަށްތައް މާދަމާ އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ