ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަޔަކީ، ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ މުޑުދާރު މައްސަލަ ކަމަށާއި، އެ މައްސަލައާ އަޅައިބަލާއިރު، އެމްއެމްޕީއާރުސީގެ މައްސަލައަކީ ވެސް މުޑުދާރު މައްސަލައެއް ނޫން ކަމަށް އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި ބިދޭސީންގެ މައްސަލައާ ބެހޭގޮތުން، މަޖިލީހުގައި ވާހަކަދެއްކެވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމާ ގުޅިގެން، މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ މައްސަލަޔަކީ، ދިވެހިތާރީހުގައި އެންމެ ހަޑި މުޑުދާރުކޮށް ހިނގާފައިވާ މައްސަލަ ކަމަށެވެ.
އިންސާނުންތަކެއް ވިއްކައިގެން ރާއްޖޭގައި ކޮށްފައި އޮތް އެހާ ހަޑި މުޑުދާރު އަމަލެއް މުޅި އުމުރުގައިވެސް ފެނިވަޑައިގެންފައި ނުވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
އެ މައްސަލަޔަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ، އެއީ އަނިޔާވެރިކަމާއެކު މީހުންގެ ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލައެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ހައްލު ކުރައްވާނެ ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ބޭނުންކުރަމުން އަންނަ، އެކްސްޕެޓް ސިސްޓަމް ފަސޭހަކޮށް ބަދަލު ކުރުމާއި، ބިދޭސީނާ ބެހޭ ގަވާއިދު އޯވަހޯލްކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމާއި، އެފަދަ މީހުން ރާއްޖޭން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދިއުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުވަންދެން ބަނގްލާދޭޝްއިން ބިދޭސީން ގެނައުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 އިން ފެށިގެން މަނާކޮށްފައިވާ ކަމަށެވެ. ޓާގެޓަކީ މިއަހަރުގެ ތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވައިލުން ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް