ޚަބަރު

ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮޖެކްޓެއް ހިންގަނީ

ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ހާއްސަ ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު އެލްޖީއޭގެ ސީއީއޯ އަކަށް އައްޔަން ކުރެއްވި އަފްޝަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯޕަރޭޓިވްތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގައި އޮތޯރިޓީން އެހީތެރިވާން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑް-19 އާއެކު މުޅި ދައުލަތަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާ ގުޅިގެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓުގެ ޕްލޭންތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައި އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މެންބަރުން އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އާ ބޯޑާއެކު އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކާއި ނިންމާ މުހިންމު ނިންމުންތައް ހަފުތާއަކު އެއް ފަހަރު އާންމުކުރަން ވަނީ ފަށައިފައެވެ. އަފްޝަން ވިދާޅުވި ގޮތުގައި މިއީ ޓްރާންސްޕޭރަންސީ އާއި ޖަވާބުދާރީ ވުމަށް އެ އޮތޯރިޓީން ކުރަން ފެށި ކަމެކެވެ.

އޭނާ ވިދާޅުވީ، ކައުންސިލްތަކާއި އެލްޖީއޭއާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް އަންނަ ހަފްތާ އިން ފެށިގެން ކޮންމެ ދުވަހަކު ކައުންސިލްތަކަށް ގުޅަން ނިންމައި، މަހަކު އެއް ފަހަރު އަތޮޅު ކައުންސިލްތަކާ ފޯން ކޮންފަރެންސް ހަދަންވެސް ނިންމާފައިވާ ކަމަށެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވާ ހަތް މެންބަރުންނަކީ އަފްޝަން އާއި އޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲގެ އިތުރުން އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.