މަސައްކަތުގެ މާހައުލު ރައްކާތެރި ނޫން ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު އިސްތިއުފާ ދީފިއެވެ.
އިސްތިއުފާ ދިނީ މިނިސްޓްރީގައި ސީނިއާ ޕްލޭނިން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ފާތިމަތު ޝަރުމާއެވެ. އޭނާ އިސްތިއުފާދީފައި މިވަނީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި އެ މިނިސްޓްރީގެ އެތައް މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ދުރުކޮށްފައިވަނިކޮށެވެ.
ވަގުތީ ގޮތުން އެ މިނިސްޓްރީ ހިިންގުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް، ޝަރުމާ އިއްޔެ ފޮނުވި އިސްތިއުފާ ސިޓީގައި ބުނީ، މަސައްކަތުގެ މާހައުލުގައި އޭނާއާ މެދު އަމަލުކޮށްފައިވާ ގޮތުން މަސައްކަތުގެ މާހައުލަކީ ރައްކާތެރި، އަމާންތަނެއް ނޫން ކަމަށް ގަބޫލުކުރާތީ ވަޒީފާއިން އިސްތިއުފާ ދީފައިވާ ކަމަށެވެ.
އިސްތިއުފާގެ ސިޓީގައި ޝަރުމާ ބުނީ، އޭނާއަކީ 2016 އިން ފެށިގެން ޓޫރިޒަމް މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އައި މީހެއް ކަމަށެވެ. އަދި ސިވިސް ސާވިސް މަގާމެއްގައި ހުރި މުވައްޒަފެއްގެ ހައިސިއްޔަތުން ދުވަހަކުވެސް އަހުލާގީ ނުވަތަ އެނޫންވެސް މައްސަލައެއްގައި އޭނާއާ މެދު ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ސިޓީގައި ޝަރުމާ ބުނީ އޭނާއަަކީ ކޮވިޑުގެ ކަންކަމުގައިވެސް މެދުކެނޑުމެއްނެތި ވޮލަންޓަރީ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފެއް ކަމަށާއި ކޮވިޑުގެ ޓާސްކްފޯސްގައި މަސައްކަތްކުރިއިރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންގެ ފަރާތުންނާއި އެ މުވައްޒަފުންނަށް ވާގިވެރިވާ ބައެއް ސިޔާސީ މުވައްޒަފުންގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޭނާއަށް ފުރައްސާރައާ ކުރިމަތިވި ކަމަށެވެ.
އެ ފުރައްސާރަތަކާއެކުގައިވެސް ވަޒީފާގެ މަސައްކަތުގައި އުޅުނު ނަމަވެސް މިމަހުގެ ނުވަވަނަ ދުވަހު އޭނާއާ މެދު އޮފީހުގެ ބައެއް އިސްވެރިންނާއި ސިޔާސީ މުވައްޒަފުން އަމަލުކޮށްފައިވާ ގޮތުން އިތުރަށް ވަޒީފާގައި ހުންނަން ބޭނުން ނުވާ ކަމަށް ޝަރުމާ ބުނެފައިވެއެވެ.
"ވަޒީފާގެ މާހައުލުގައި މަތީގައި ދެންނެވުނު މައްސަލަތަކާ އަޅުގަނޑު ކުރިމަތިލައި، ހުއްޓުމެއްނެތި މަސައްކަތުގައި އުޅުނު ނަމަވެސް ޖުލައި 09 ޖުލައި، 2020 ވީ ބުރާސްފަތި ދުވަހު އަޅުގަނޑާ މެދު އޮފީހުގެ އިސްވެރިންނާއި ސިޔާސީ މުވައްޒަފުން އަމަލުކޮށްފައިވާ ގޮތުން އިތުރަށް މި ވަޒީފާގައި ހުންނަން ބޭނުން ނުވާކަމުގައި ދަންނަވަމެވެ..،" ޝަރުމާގެ ސިޓީގައި ބުނެފައިވެއެވެ.
އެގޮތުން މިނިސްޓަރުގެ މަގާމުން އިސްތިއުފާދިނުމަށް އޭރު މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައި ވަނިކޮށް، މިމަހުގެ ނުވަވަނަ ދުވަހު މިނިސްޓްރީގައި ބޭއްވުނު ސްޓާފް މީޓިންއެއްގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބުކޮށްގެން ނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަދައްކައި މުއައްޒަފުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެ ސިޓީގައި ޝަރުމާ ބުނީ، ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ ބައެއް މުވައްޒަފުންގެ ފަރާތުން ޖިންސީ ފުރައްސާރައާއި އަނިޔާ ލިބެމުންދިޔަ ކަމަށާއި އޭނާއަށް އިންސާފު ނުލިބި އަބުރަށް އުނިކަން ލިބޭފަދަ ވާހަކަތައް ވެސް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކޮށްދިނުމުގައި އެކަނި ހުންނަން ޖެހުނަސް އެކަންވެސް ކުރާނެ ކަމަށް ޝަރުމާ ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު