ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުން މަގާމުން ވަކިކުރުުމުގެ މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަޑައިގެންނެވީ، އެ ކޮމިޝަންގެ ނާއިބު ރައީސް މުހައްމަދު ޒާހިދާއި އޭނާގެ ދެ ވަކީލުން ކަމަށްވާ އަހުމަދު މުއިއްޒު އާއި އަހުމަދު ޝަފީގެވެ.

ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓިގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، މި ބައދަލުވުމަކީ އެޗްއާރުސީއެމްގެ މެންބަރުން، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މަޖިލިސް ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން އެޗްއާރުސީއެމްގެ މަސައްކަތްތައް ބަލައި، ޒންމާދާރު ކުރުވުމަކީ، އެ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެޗްއާރުސިއެމްއާ ބެހޭގޮތުން އެކި ފަރާތްތަކުން ކޮމިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެންނާއި، ކޮމިޝަންގެ މަސައްކަތް ކޮމިޓީން ދިރާސާކުރި ގިނަ މައްސަލަތަކެއްގައި ކޮމިޝަންގެ އިހުމާލު އޮތްކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކޮމިޝަންގެ މެންބަރުންނަށް، ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ފެބްރުއަރީމަހު ފަށާފައިވާ ކަމަށާއި އެ މައްސަލަ ދިރާސާކުރުމަށް މާޗް އެކެއްގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެކަންތައްތައް ކޮމިޓީން ބެލިއިރު، މަސްއޫލިއްޔަތުތަކާއި ކޮމިޝަންގެ މެންބަރުން ހިލާފުވެފައިވާތީ، އެބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރަންޖެހޭ ކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގެން، މަޖިލީހުގެ ރައީސަށް އެ ވާހަކަ ދަންނަވައި، އެކަން މަޖިލީހުގައި އިއުލާން ކުރުމަށްފަހު މެންބަރުން ވަކިކުރުުމުގެ މަސައްކަތް ކޮމިޓީން ފެށީ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، ކޮމިޝަންގެ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމުގައި ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަން ކޮމިޝަންގެ މެންބަރުންނަށް އަންގާފައިވާ ކަމަށެވެ. އެއަށްފަހު ކޮމިޝަންގެ މެންބަރުން ވަކިކުރަން ނިންމައި އެކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ކޮމިޝަންގެ ހަތަރު މެންބަރަކު ކޮމިޓީއަށް ހާޒިރުވާން ދައުވަތު އެރުވި ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަނުގެ މެންބަރު ނައިވީން އަބުދުﷲ އަށް ދައުވަތު ނޭރުވީ، މެޓާނިޓީ ލީވްގައި ހުންނެވުމުން ޖަވާބުދާރީވުމަށް ތައްޔާރުވެ ވަޑައިގަތުމަށް އުޒުރުވެރިވާނެތީ ކޮމިޓީން އެކަން ގަބޫލުކޮށް ކަމަށެވެ.

ދެން ދައުވަތު ދެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސް އާމިނަތު އީނާސް، މަންމާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެެވެން ނެތްކަން އަންގަވާފައިވާ ކަމަށާއި މޫސާ އަލީ ކަލޭފާނު ދިރިއުޅުއްވާގެ މޮނީޓަރިންގައި ހުރުމުން ވަޑައިގެންނެވެން ނެތްކަމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެ އުޒުރުތައް ކޮމިޓީން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މެންބަރު އައިޝަތު އަފްރީން މުހައްމަދު ވަކި ސަބަބެއް ވިދާޅުނުވެ ހާލު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މެންބަރުން ކޮމިޓީއަށް އެގޮތަށް އަންގަވާފައިވީ ނަމަވެސް ހަވީރު 4:00 ގައި ފެށި މި ކޮމިޓީ ބައްދަލުވުން ފެށުމުގެ ކުރިން، އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުުގައި، ކޮމިޝަންގެ ނާއިބު ރައީސް ޒާހިދަށް މެންބަރުން ގިނަ ސުވާލުތަކެއް ކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް ސުވާލުތަކަށް ޖަވާބު ދެއްވޭނީ ބައްލަވަންޖެހޭ ކަންކަން ބައްލަވާފައި ކަމަށް ޒާހިދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 6:30 އާ ހަމައަށް ގެންދިޔަ މި ބައްދަލުވުން ނިންމައިލީ ކޮމިޓީން ކުރި ބައެއް ސުވާލުތަކާއި، އޮޅުންފިލުވަން ބޭނުންވާ ކަންކަން ތިން ދުވަސް ތެރޭގައި ކޮމިޓީއަށް ހުށަހެޅުމަށް ކޮމިޝަންގެ ނާއިބު ރައީސްް ޒާހިދަށް އެންގެވުމަށްފަހުގައެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވި ޒާހިދުގެ ދެ ވަކީލުން ވަނީ މެންބަރުން ވަކިކުރުމަށް ކޮމިޓީން ކަންތައްތައް ކުރިއަށްގެންދިޔަ ގޮތާއި، ކޮމިޓީން އެންގުންތައް އެންގުމަށް ޒާހިދަށް ސިޓީ ފޮނުވާފައިވާ ގޮތާމެދު މެންބަރުންނާ ސުވާލު ކުރައްވައިފައެވެ.