ޑިންގީއެއްގައި ލ. އަތޮޅު ކައްދޫން އެއަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒް ގެއްލުނު ހާދިސާއަށް އަހަރެއް ވެފައިވާއިރު، އޭނާ ދަތުރު ކުރި ކަމަށް ބެލެވޭ ޑިންގީއެއް ލ. އަތޮޅުގެ ސަރަހައްދަކުން ކަނޑު އަޑިން ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް ސުވާލު ކުރުމުން ފުލުހުންގެ "ވަޓްސް އެޕް" މީޑިއާ ގްރޫޕުގައި ބުނެފައިވަނީ ލ. އަތޮޅުގެ ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

"ލ. އަތޮޅުގެ ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ސާޗް އޮޕަރޭޝަންއެއް ކުރިއަށް އެބަ ގެންދޭ،" ފުލުހުން ބުނެފައިވެއެވެ.

ޑިންގީ ފެނުނުކަމަށް ބުނާ ސަރަހައްދު ބެލުމުގެ މަސައްކަތް ފުލުހުން ކުރާ އިރު، މަައުލޫމާތު ލިބޭ ގޮތުގައި މި ޑިންގީ ފެނިފައިވަނީ ލ. ފޮނަދޫ ކައިރިން ފީނަން ދިޔަ ބަޔަކަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލ. ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ކަމަަށްބުނާ އުމުރުން 19 އަހަރުގެ ޝިމާ ހޯދުމަށް ފުލުހުންނާއި ސިފައިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިއަދާ ހަމައަށް އޭނާ ހޯދިފައެއް ނުވެއެވެ. އޭނާއާއެކު ޑިންގީގައި ދަތުރު ކުރި އަދި ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލު ވަނީ އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ.

ފަޒީލު ކުރިން ބުނެފައިވާ ގޮތުގައި ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓަށް ފަތާފައި ގޮސް އަރައިގެންނެވެ. ސިކްސް ސެންސަސް ރިސޯޓުގައި ތިބި މީހުންނަށް ޑިންގީ ބަންޑުން ޖަހާލި ހަބަރު ދިނުމުން ޝިމާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުންނާއި ރިސޯޓުގެ އިތުރުން އަތޮޅުގެ ރަށްރަށުން ފެށިއެވެ. ނަމަވެސް މިހާތަނަށްވެސް ޝިމާގެ އެއްވެސް ހަބަރެއް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ޝިމާ ސަލާމަތް ކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ. އޭނާ ފަތާފައި ރިސޯޓާ ދިމާއަށް ދިޔައީ ޝިމާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށްޓަކައި ހަމެއް ދީފައި ކަމަށް ތަހުގީގުގައި ފަޒީލު ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ފަޒީލް ހައްޔަރުވެސް ކުރިއެވެ.